ރައްޔިތުން ބޭނުންވި ގޮތަށް ދެ ފިޔަވައްސަކަށް ބަހާލައިގެން ކޮޅުފުށީގައި ގެ އަޅައިދޭން ނިންމަވައިފި

މ. ކޮޅުފުށީ ރައްޔިތުން އެދުނު ގޮތަށް އެ މީހަކު ބޭނުން ތަނެއްގައި ދެ ފިޔަވައްސަކަށް ބަހާލައިގެން ގެ އަޅައިދޭ ގޮތަށް ސަރުކާރުން ނިންމަވައިފި އެވެ.
މ. އަތޮޅުވެރިޔާ މުހައްމަދު ނައީމް މިއަދު ވިދާޅުވީ ރައްޔިތުން އެދުނު ގޮތަށް ކޮޅުފުށީގައި ގެތައް އަޅައިދޭނެ ކަމަށް ވިދާޅުވެ އެޓޮލްސް މިނިސްޓްރީން އަތޮޅު އޮފީހަށް ބުރާސްފަތި ދުވަހު ލިޔުމެއް ފޮނުއްވައިފައިވާ ކަމަށެވެ.
ނައީމް ވިދާޅުވީ، ދެ ފިޔަވަހީގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި 55ގެ އިމާރާތްކޮށް 70 ގެ މަރާމާތުކުރުމަށް ނިންމަވައިފައިވާ ކަމަށެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނޭ ގެތަކުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރިއަށްދާނެ ކަމަށާއި އެހެންނަމަވެސް ދެ ވަނަ ފިޔަވަހީގައި ހިމެނޭ ގެތަކުގެ މަސައްކަތް ފަށާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެވަނަ ފިޔަވަހީގައި ހިމެނޭ ގެތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ އަންނަ އަހަރު ކަމަށާއި ދެ ވަނަ ފިޔަވަހީގެ މި ގެތަކަކީ ސުނާމީ އާ ގުޅިގެން އަޅައިދޭ ގެތަކެއް ނޫންކަން ރައްޔިތުންނަށް އަންގައިދިނުމަށް ވެސް (އެޓޮލްސް އިން ފޮނުވި) ލިޔުމުގައި އެދިފައިވޭ."
ައަތޮޅު އޮފީހުން ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި މަރާމާތުކުރަން ޖެހޭ 70 ގޭގެ ފައިސާ ވެސް މިހާރު ދޫކުރަން ފަށައިފައިވާ ކަމަށެވެ.
މި ނިންމުން ސަރުކާރުން ނިންމަވާފައި ވަނީ، ކޮޅުފުށީގައި 55ގެ އިމާރާތްކޮށް 132 މަރާމާތުކުރުމަށް މީގެ ކުރިން ނިންމަވައިފައި ވަނިކޮށް އެކަމާ ހިތްހަމަ ނުޖެހިގެން ރައްޔިތުން ނުކުމެ 13 ދުވަސް ވަންދެން ރަށު އޮފީހާއި ރަށު ކޯޓު ބަންދުކޮށްފައި ހުރުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ