ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރެއްވި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނާ އަލުން ގުޅިވަޑައިގެންފި އެވެ.
ވެރިކަން ކުރާ ޕީޕީއެމް ދެ ބައިވެ، އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީންގެ ފެކްޝަނަކާއި މައުމޫންގެ ފެކްޝަނެއް އުފެދުނުއިރު، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޕީޕީއެމް މެމްބަރުން ވެސް ދެ ބަޔަކަށް ބެހުނެވެ. އޭގެ ތެރެއިން ސައުދުﷲ މައުމޫންގެ ފަޅި އަށް އަރާވަޑައިގެންނެވިއިރު، ގިނަ މެމްބަރުން އަދިވެސް ތިއްބެވީ ރައީސް ޔާމީނާ އެކުގަ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ސައުދުﷲ މިއަދު ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް ނުކުންނަވައި، މީގެ ކުރިން އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށެވެ.
"އެއްވެސް އިރެއްގައި ރައީސް ޔާމީނާ ދެކޮޅެއް ނުވަން. ރައީސަށާއި ސަރުކާރަށް އަމާޒުކޮށް އެއްވެސް ވާހަކައެއް މީޑިއާގައި ވެސް ދައްކަވާފައި ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީނާ ގުޅިވަޑައިގެން ދާއިރާގެ ތަރައްގީ އަށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ދާއިރާގެ މީހުން ވެސް ބޭނުންވަނީ ރައީސްއާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ކަމަށް ސައުދުﷲ ވިދާޅުވި އެވެ.
"އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ހިނގާ ރަށަކަށް ތިނަދޫ ވާނެ. އެތައް މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ރަށުގައި ސަރުކާރުން ހިންގާއިރު، އަޅުގަނޑުގެ އެއްބާރުލުން ލިބެން ޖެހޭނެ ކަމަށް ރަށުގައި ދިރިއުޅޭ ގިނަ މީހުން ގަބޫލު ކުރަނީ،" ސައުދުﷲ ވިދާޅުވި އެވެ.
މައުމޫންގެ ފެކްޝަނާ މަޖިލީހުގެ މެމްބަރުންތަކެއް ގުޅުމަށް މިދިޔަ އޮކްޓޯބަރު 27 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ. އެކަމަކު ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދުﷲ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާއިރު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކުޑަ ވަގުތުކޮޅަކަށެވެ.
ސައުދުﷲ ވިދާޅުވި ގޮތުގައި އޭނާ ހުންނެވި ފަޅިއެއް އޮޅުން ފިލުވަން ރަށުގެ ގިނަ ބަޔަކު ބޭނުންވެ އެވެ. އަދި ގިނަ ބަޔަކު ބޭނުންވަނީ ރައީސް ޔާމީނާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑު މި ހުރީ ރައީސް ޔާމީނާ އެކުގައި،" ސައުދުﷲ ވިދާޅުވި އެވެ.
ސައުދުﷲ ރައީސް ޔާމީންގެ ފެކްޝަނާ އަލުން ގުޅިވަޑައިގެންނެވިއިރު، އޭނާގެ ހިއްސާ އޮންނަ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި ހަ ޕްރޮޖެކްޓެއް ހުއްޓައިލަން ސަރުކާރުން ވަނީ އަންގައިފަ އެވެ. ސަރުކާރުން ހުއްޓާލަން އެންގި މަޝްރޫއުތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާއިރު، އެ ޕްރޮޖެކްޓްތައް އަދިވެސް އޮތީ ހުއްޓިފަ އެވެ.
ސަރުކާރުން ހުއްޓާލަން އެންގި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޅ.ހިންނަވަރުގައި އާ ސިއްހީ މަރުކަޒެއް އެޅުމާއި ޅ. ނައިފަރާއި ފ. ނިލަންދޫ އާއި ލ. މާވަށާއި ދ. ކުޑަހުވަދޫގައި ސްކޫލް އިމާރާތެއް އެޅުމާއި ލ. ފޮނަދޫގައި ޖެންޑާ މިނިސްޓްރީގެ އިމާރާތެއް އެޅުން ހިމެނެ އެވެ.
މައުމޫންގެ ފެކްޝަންގައި ހުންނެވުމަށް ފަހު، އޭދަފުށީ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވަނީ ރައީސް ޔާމީންގެ ފަހަތަށް އަރުއްވައިފަ އެވެ.
ރައީސް ޔާމީނާ ސައުދުﷲ އަލުން ގުޅިވަޑައިގަތުމުން މައުމޫންގެ ފެކްޝަންގައި މިހާރު ތިއްބަވާނީ ދިއްގަރު ދާއިރާގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ.
މެމްބަރު ސައުދުﷲ ރައީސް ޔާމީންގެ ފެކްޝަނާ އަލުން ގުޅިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ