ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމާ ގުޅިގެން މިއަދާ ހަމައަށް ވެސް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބިފައި ނުވި ނަމަވެސް އެމައްސަލަ އިސްތިއުނާފް ކުރުމަށް ހުރަހެއް ނެތް ކަމަށް ދޭހަވާ ގޮތަށް އެކޯޓުން ވިދާޅުވުމުން ކަންބޮޑުވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ނުލިި ލަސްވަމުންދާތީ އެމަނިކުފާންގެ ގާނޫނީ ޓީމުން ކަންބޮޑުވުން ފާޅުކޮށް، މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ހޯދުމަށް 15 މާޗް 2015 ވީ އާދިއްތަ ދުވަހު ރައީސް ނަޝީދު ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތުމުން އެކޯޓުން އަންގަވާފައިވަނީ، "ރިޕޯޓު ދޫކުރެވޭނީ 7 ދުވަހާއި، 14 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި" ކަމަށެވެ. އަދި މިމަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، މައްސަލަ ނިންމި ގޮތުގެ ރިޕޯޓް މިއަދާ ހަމައަށް ވެސް ލިބިފައި ނުވާ ކަމަށް ގާނޫނީ ޓީމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ހުލާސާ ރިޕޯޓް ވެސް ލިބިފައިވަނީ ހުކުމް ކުރިތާ ހަ ވަނައަށްވީ، ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ތިނެއް ޖަހާ ބޮޑުވި ފަހުން ކަމަށް ވެސް ވަކީލް ނަޝީދުގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/4 އާންމު ސިޓީ (21 މާރޗް 2010) ގެ 1 (ހ) ގެ ދަށުން މައްސަލައިގައި ހިމެނޭ ފަރާތްތަކަށް މައްސަލައިގެ ހުކުމްކުރާ ދުވަހު ދޫކުރަންޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ ހުލާސާ ރިޕޯޓު ކްރިމިނަލް ކޯޓުން ރައީސް ނަޝީދަށް ދެއްވާފައިވަނީ 19 މާޗް 2015 ވަނަ ދުވަހުގެ 15:00 ގައެވެ. ހުލާސާ ރިޕޯޓަކީ ހަމައެކަނި ހުކުމާއި އެހުކުމަށް ވާސިލްވިއިރުގައި ފަނޑިޔާރުންނަށް ފާހަގަ ކުރެވުނު ނުކުތާތައް ހިމެނޭ ރިޕޯޓެކެވެ. އެރިޕޯޓަކީ ފަނޑިޔާރުން ފާހަގަކުރައްވަން ބޭނުންފުޅުވެލައްވާ ކަންކަމުގެ އިތުރުން، ޝަރީއަތުގެ ހިނގާ ދިޔަ އެއްވެސް ކަމެއް ފާހަގަކޮށް ހިމަނާ ރިޕޯޓެއް ނޫނެވެ." ނަޝީދުގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބާޔާނުގައި ފަހަގަ ކޮށްފައި ވެއެވެ.
ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގާދިޔަ ގޮތަށް، ލިޔެކިޔުންތައް ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ނުލިބި ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފުކުރަން ޖެހުމަކީ އިސްތިއުނާފްގެ ހައްގަށް ހުރަސްއެޅިގެންދާ އަދި އެމަނިކުފާނަށް ޢަދުލުވެރި ޝަރީއަތެއް އިސްތިއުނާފު މަރުހަލާގައި ލިބުމުން މަހުރޫމްވުންކަމުގައި ދެކޭ ކަމަށްވެސް ނަޝީދުގެ ގާނޫނީ ޓީމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މީގެއިތުރުން ނަޝީދުގެ ގާނޫނީ ޓީމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، " ކޯޓުން ތައްޔާރު ކުރެއްވި ޚުލާސާ ބަޔާނުގައި ޝަރީޢަތުގެ އަޑުއެހުމުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރެލް އަޙްމަދު ޝިޔާމްގެ ބަޔާނުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ނޫން މައުލޫމާތު ހިމަނާފައި ވެއެވެ. އެބަޔާނުގައި ޗީފް އޮފް ޑިފެންސް ފޯރސް ވިދާޅުވިކަމަށް ބުނެ އެޑްވައިޒަރީ ބޯޑެއްގެ ވާހަކަ ހިމެނެއެވެ. އެހެންނަމަވެސް މިފަދަ އެއްވެސް ބޯޑެއް އެކުލައްވާފައި ނުވާ ކަމަށާއި އަދި އެއީ ޗީފް އޮފް ޑިފެންސް ފޯރސް ވިދާޅުނުވާ ވާހަކައެއް ކަމަށް ރައީސް ނަޝީދު ކްރިމިނަލް ކޯޓުގައި ފާހަގަ ކުރެއްވި" މިހެންނެވެ.
އިސްތިއުނާފަށް ހުރަހެއް ނެތް ކަމަށް ކޯޓުން ވިދާޅުވާތީ ނަޝީދުގެ ގާނޫނީ ޓީމުން ކަންބޮޑުވުން ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ