މާޅޮސްމަޑުލުއުތުރުބުރީ މަޑުއްވަރީ އާ އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

ފެނަކަ ކޯޕޮރޭޝަން ލިމިޓެޑުން މާޅޮސްމަޑުލުއުތުރުބުރީ މަޑުއްވަރީގައި ޤާއިމްކޮށްފައިވާ އާ އިންޖީނުގެ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި އަންގާރަ ދުވަހު މެންދުރުފަހު މަޑުއްވަރީގައި ބޭއްވެވި ރަސްމިއްޔާތުގައި، އިންޖީނުގެ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން، ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް ހުރި ނަމަވެސް މުޅި ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ އިޖްތިމާޢީ މަސައްކަތްތަކުގައި، ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ. އަދި، ރަށަށް އަންނަ މިފަދަ ތަރައްޤީއަކީ، މުޅި ރައްޔިތުންނަށް ލިބޭ އުފަލެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ފެނަކަ ކޯޕޮރޭޝަން ލިމިޓެޑުން މަސައްކަތް ކުރައްވަނީ، ރާއްޖޭގެ ހުރިހާ ދިމާއެއްގެ 24 ގަޑިއިރު ކަރަންޓް ލިބޭނެކަން ކަށަވަރުކޮށްދިނުމަށްޓަކައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ މިނިވަން 50 މިއަހަރު ފާހަގަ ކުރެވެމުންދާއިރު، އަޅުގަނޑުމެން މިނިވަންކަންމަތީގައި ތިބެން ބޭނުންނަމަ، އަޅުގަނޑުމެންގެ އަމިއްލަވަންތަ ސިފަތައް ދެމެހެއްޓުމަށްޓަކައި އިޤްތިޞާދީ ގޮތުންވެސް ބާރުވެރި ބައަކަށް އަޅުގަނޑުމެން ވާންޖެހޭ ކަމަށެވެ.
ރާއްޖޭގެ ޒުވާން ޖީލަކީ، އަމިއްލަވަންތަކަން ދޫކޮށްނުލައި، އިޤްތިޞާދު ބިނާކުރުމާއި، މުޖްތަމަޢުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ކަންތައްތަކުގައި، އެއްވެސް ކަހަލަ ގުޑުމެއްނެތި، ސާބިތުކަމާއެކީ ކުރިއަށްދާ ޖީލެއްގެ ގޮތުގައި ބިނާކުރެއްވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ