ކޯޓުތަކުން މައްސަލަ ނިންމުން ލަސްވާ ނަމަ ސުޕްރީމް ކޯޓުން އެކަމަށް ފިޔަވަޅު އަޅަނީ
ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެކަށީގެންވާ މިންވަރަށް ވުރެ ލަސްވެފައިވާ މައްސަލަތައް އަވަސްކުރުމަށް ފިޔަވަޅު އަޅަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައެއް ލަސްވާކަމުގެ ޝަކުވާ އެ މައްސަލައެއްގައި ދައުވާކުރާ ފަރާތުން ނުވަތަ ދައުވާ ލިބޭ ފަރާތަކުން ސުޕްރީމް ކޯޓުގައި ކޮށްފި ނަމަ އެކަން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބަލާނެ ކަމަށެވެ. އެ ޝަކުވާއެއް ބަލާއިރު އެ މައްސަލައެއް ނިންމުން އެކަށީގެންވާ ވަރަށް ވުރެ ލަސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ފެނިއްޖެ ނަމަ ދެ ފިޔަވަޅެއް އަޅާނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.އެގޮތުން މައްސަލަ ބަލާ ފަނޑިޔާރު ބަދަލު ކުރުން ނުވަތަ ސުޕްރީމް ކޯޓުން ކަނޑައަޅާ ޝަރުއީ ވަފުދަކާ އެ މައްސަލަ ބެލުން ހަވާލު ކުރުމާއި މަގްބޫލު ސަބަބެއް ނެތި މައްސަލަ ނިންމުން ލަސްކޮށްފައިވާ ކަމަށް ފެނިއްޖެ ނަމަ އެކަމަކާ މެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.މައްސަލަ ލަސްވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު އެންގިއިރު ގިނަ ދުވަސްވެފައިވާ މައްސަލަތައް އެއް މަސް ދުވަހުގެ ތެރޭގައި ނިންމަން މިދިޔަ އޮގަސްޓް މަހު ސުޕްރީމް ކޯޓުން ހުރިހާ ކޯޓުތަކަށް އެންގި އެވެ. އެކަމަކު އެތައް އަހަރެއްވެފައިވާ މައްސަލަތައް އަދިވެސް ކޯޓުތަކުގައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ