އުމަރު މިރޭ ޖަލްސާ ބާއްވަވަނީ އެކަން ނުކުރައްވަން މައުމޫން އެދިވަޑައިގެންފައި ވަނިކޮށް!

ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު މިރޭ އާޓިފިޝަލް ބީޗުގައި ޖަލްސާ ބާއްވަވަނީ، ޕްރައިމަރީ އަށް ފަހު ވަކިވަކިން އާއްމު ޖަލްސާ ނުބޭއްވެވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފައި ވަނިކޮށް ކަމަށް އެ ޕާޓީގެ އޮފިޝަލަކު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ ވަކިވަކިން ޖަލްސާ ނުބޭއްވެވުމަށް މައުމޫން ކައުންސިލް މެމްބަރުންނަށް އަންގަވާފައި ވަނީ މިއަދު ފޮނުއްވި އެސްއެމްއެސްއަކުން ކަމަށެވެ. މައުމޫން ބޭނުންފުޅު ވަނީ ޕާޓީގެ ހުރިހާ މެމްބަރުން ބައިވެރިވެގެން މާދަމާ ރޭ އާޓިފިޝަލްބީޗުގައި ޖަލްސާއެއް ބާއްވަން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ޕްރައިމަރީ އަށް ފަހު މައުމޫން ބޭނުންފުޅުވީ ހުރިހާ މެމްބަރުން ބައިވެރިވެގެން ޖަލްސާއެއް ބޭއްވުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ވަކިވަކިން ޖަލްސާ ނުބޭއްވެވުމަށް އެދިވަޑައިގެން ކައުންސިލް މެމްބަރުންނަށް މައުމޫން ފޮނުއްވި އެސްއެމްއެސްއެއް "ހަވީރަ"ށް ވަނީ ލިބިފަ އެވެ. އެ އެސްއެމްއެސްގައި މައުމޫން ވިދާޅުވެފައި ވަނީ ޕްރައިމަރީ އަށް ފަހު ވަކި ބޭފުޅަކު އާއްމު ޖަލްސާ ބޭއްވެވުމަށް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
"ވީމާ ޕާޓީގެ އެއްބައިވަންތަކަން ހިފެހެއްޓުމަށްޓަކައި ޕާޓީގެ ހުރިހާ ބޭފުޅުން ވެސް މިގޮތުގެ މަތިން އަމަލުކުރެއްވުމަށް ވަރަށް ބޮޑަށް އެދެން،" ކައުންސިލް މެމްބަރުންނަށް މައުމޫން ފޮނުއްވި އެސްއެމްއެސްގައިވެ އެވެ.
ޖަލްސާ ނުބޭއްވެވުމަށް އެދިވަޑައިގެންފައި އޮއްވައި އުމަރު ޖަލްސާ ބާއްވަނީ ކީއްވެގެންކަން އުމަރު ފޯނު ނުނަންގަވާތީ ވަނީ ސާފުވާގޮތް ނުވެފަ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި އުމަރު ނަސީރު ވާދަކުރައްވައި ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ޔާމީނަށެވެ. އަދި އުމަރު ވަނީ އިންތިހާބުގެ ބަލި ގަބޫލުކުރައްވައިފަ އެވެ. އިންތިހާބާ ބެހޭ ގޮތުން އުމަރު މިހާތަނަށް މާގިނަ ވާހަކަ ނުދައްކަވާއިރު ހަމައެކަނި ވިދާޅުވެފައި ވަނީ "ދެން ވާގޮތެއް އިނގޭނީ މިރޭ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ