ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ މަސައްކަތް ސީދާ ކްރިމިނަލް ކޯޓުން ފަށަނީ

މައްސަލައެއް ކޯޓަށް ހުށަހެޅި ހިނގަމުން ދޭތޯ އާއި ޖިނާއީ ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ މަސައްކަތް ސީދާ ކްރިމިނަލް ކޯޓުން ކުރާ ގޮތަށް އެ ކޯޓުން ހަމަޖައްސައިފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ ޚިދުމަތް ދޭން ފަށާނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އެގޮތަށް ހަމަޖައްސަން ޖެހުނީ ރެކޯޑް ސާފުކުރަން އެކި އިދާރާތައް މެދުވެރިކޮށް ކޯޓަށް ހުށަހެޅުމުން އެ މަސައްކަތް ލަސްވާކަމުގެ ޝަކުވާ ލިބެމުނ ްދާތީ ކަމަށް ކޯޓުން ބުނެ އެވެ.
މީގެ ކުރިން އެކަން ކުރަމުން އަންނަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމުން އެ ޑިޕާޓްމަންޓް މެދުވެރިކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅައިގެންނެވެ.
ކްރިމިނަލް ކޯޓުން ބުނީ ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް އެ ކޯޓުން ފެށުމުން، އެހެން އިދާރާތައް މެދުވެރިކޮށް ދިމާވާ ދަތިތަކަށް ކޯޓުން ޒިންމާ ނުވާނެ ކަމަށެވެ.
ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް ހޯދަން އެދި ހުށަހަޅާ ފޯމް ބަލައިގަތުމާއި ރެކޯޑް ސާފުކޮށްދިނުމުގެ މަސައްކަތް ކުރަނީ ފަންހިޔާ ބިލްޑިންގެ ތިން ވަނަ ފަންގިފިލާގަ އެވެ. އެ ފޯމް ފަންހިޔާ ބިލްޑިންގެ ތިން ވަނަ ފަންގިފިލާއިންނާއި ކްރިމިނަލް ކޯޓުގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް ކޯޓުން ބުނެ އެވެ.
ކްރިމިނަލް ކޯޓުން ކުށުގެ ރެކޯޑް ސާފުކޮށްދިން ނަމަވެސް ހައި ކޯޓާއި ސުޕްރީމް ކޯޓަށް ކުށުގެ ރެކޯޑް ސާފުކުރަން ހުށަހަޅަން ޖެހޭނީ ވަކިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ