ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ދައުލަތުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ގަވާއިދުން ފައިސާ ދައްކަމުން ނުދާ ފަރާތްތައް ތިބުމާ އެކު އެ ފަރާތްތަކާ މެދު ފިޔަވަޅުތައް އެޅުމަށް އޮޑިޓާ ޖެނެރަލް އަންގަވައިފި އެވެ.
އޮޑިޓް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ ފިނޭންސް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓްގައިވާ ގޮތުން މައުމޫންގެ ސަރުކާރުން ހާއްސަ އިނާޔަތުގެ ގޮތުގައި 2002 ވަނަ އަހަރުން ފެށިގެން ޖުމްލަ 154 ލޯނެއް އޭރުގެ ސަރުކާރުގެ އިސް ބޭފުޅުންނަށް ދޫކުރައްވާފައިވެ އެވެ. ނަމަވެސް އެ ލޯނުތަކުގެ ތެރެއިން 75 ލޯނެއް ނުދައްކާ ވާއިރު އެ ލޯނުތަކުގެ ޖުމްލަ 28 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ރިޕޯޓްގައިވެ އެވެ. އެ ފައިސާ ހޯދުމަށް މަސައްކަތްތަކެއް ކޮށްފައި ނުވާކަން އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވަ އެވެ.
އެ މައްސަލައިގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ އެ ފައިސާ ހޯދުމަށް ދައުލަތުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އޮންނަ އުސޫލުގެ މަތިން ލޯނަށް ފައިސާ ނުދައްކާ ނަމަ އެފަދަ މީހުންގެ މައްސަލަތައް ޝަރީއަތަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އޮޑިޓާ ޖެނެރަލް ދެކެވަޑައިގަންނަވާ ގޮތުގައި އެ މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ ސީނިއާ މެނޭޖްމަންޓް ވަނީ އިހުމާލުވެފަ އެވެ.
ލޯނުތަކާ ގުޅޭ މައްސަލަތައް މީގެ އަހަރުތަކެއް ކުރިން ފެންމަތިވެ އޭރު ސިޔާސީ ގޮތުން ބޮޑު ބަހުސަކަށް ވެސް ވި އެވެ. މައުމޫންގެ ސަރުކާރުން އެ ލޯނުތައް ދޫކޮށްފައި ވަނީ ދެ އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތެއްގައި އެ ފައިސާ ދައްކާ ގޮތަށް ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގަ އެވެ.
އޮޑިޓުން އެގޭ ގޮތުގައި 2008ގެ ރިޔާސީ އިންތިހާބަށް ފަހު އާ ސަރުކާރު ކުރުމަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށް ލޯނުތައް ދައްކަން ޖެހޭ މުއްދަތު ވަނީ ފަސް އަހަރަށް އިތުރުކޮށްފަ އެވެ. ނަމަވެސް އެކަމަކީ އެއްވެސް ކަހަލަ ޕޮލިސީއެއް ނެތި މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ކޮށްފައިވާ ކަމެއް ކަމަށް އޮޑިޓާ ޖެނެރަލް ތުހުމަތު ކުރައްވަ އެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ(ން ބަލަައި ތަހުގީގުކުރަން ޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް އެ ލޯނުތައް ދޫކުރުމާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮޕީނިއަން އެއް ފާޅު ކުރައްވާފައެއްނުވެ އެވެ.
މައުމޫން ސަރުކާރުން ދޫކުރި ލޯނުތައް ނުދައްކާތީ ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ