ރާއްޖޭގައި މިހާރު އޮތީ "އިސްލާމީ ގައުމީ ވިސްނުމާ"އި "ލާދީނީ ވިސްނުން" ކަމަށާއި ލާދީނީ ވިސްނުމުގެ މީހުން މަސައްކަތް ކުރަނީ ބޭރުގެ ޖަމާއަތެއްގެ ގޮތަށް ރާއްޖެ ބަދަލުކުރަން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. އަދި ވިދާޅުވީ އެ ދެ ވިސްނުމުގެ ތެރެއިން ރައްޔިތުން މިހާރު ގޮތެއް ހިޔާކުރަން ޖެހިފައިވާ ކަމަށެވެ.
ޕީޕީއެމުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޔުމްނާ މައުމޫން އިސްތިއުފާ ދެއްވާތީ، އޭނާ ކުރެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ކެއުމުގެ ހަފުލާއެއްގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ރާއްޖޭގައި އޮތީ ސިޔާސީ ދެ ވިސްނުމެއް ކަމަށް ވަރަށް ގިނަ މީހުން ބުނަމުންދާ ކަމަށެވެ. އެއީ އިސްލާމީ ގައުމީ ވިސްނުމާއި ލާދީނީ ނުވަތަ ލާގައުމީ ވިސްނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ހިޔާރަކީ. މި ދެގޮތުން ކުރެ އެއް ގޮތް އަޅުގަނޑުމެން އެބަޖެހޭ ހިޔާރުކުރަން. އަޅުގަނޑުމެންނަކީ މާތްﷲގެ ވާގިފުޅާއެކު ކުރިން މިދެންނެވި ވިސްނުން ތަމްސީލްކުރާ މީހުން. އެއީ އިސްލާމީ ގައުމީ ވިސްނުން ތަމްސީލު މިކުރަނީ ޕީޕީއެމުން. ޕީޕީއެމްގެ އުސޫލްތަކަށް ތާއީދުކުރާ އެހެން ފަރާތްތަކުން. އޭގެ އަނެއްކޮޅުގައި އެތިބީ ލާދީނީ އަދި ލާ ގައުމީ ބައެއް. އެ މީހުން މަސައްކަތްކުރަނީ އެ މީހުންގެ ވަކި ކަހަލަ އުސޫލްތަކެއް ގާއިމްކުރަން. ނުވަތަ ބޭރު ދުނިޔޭގެ ތަނެއްގެ ގޮތުގައި ރާއްޖެ ހެދުމަށް" އެމްޑީޕީގެ ނަން ވިދާޅު ނުވެ އެ ޕާޓީ އަށް އިޝާރާތްކުރައްވައި މައުމޫން ވިދާޅުވި އެވެ.
ލާދީނީ ފިކުރު ރާއްޖޭގައި އޮތް ކަމަށް މައުމޫން މިރޭ ވިދާޅުވެފައި މިވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެންމާކުގައި ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލަ ހޫނުވެ ސިޔާސީ ބައެއް ޕާޓީތަކުން އެކަން ކުށްވެރިކޮށްފައި ވަނިކޮށެވެ. އެ މައްސަލާގައި ނަޝީދާ ދެކޮޅަށް އަދާލަތު ޕާޓީގެ އިތުރުން ޕީޕީއެމުން ވަނީ ބަޔާނެއް ނެރެފަ އެވެ.
މައުމޫން ވިދާޅުވީ ލާދީނީ ފިކުރުގެ މީހުން ބޭނުން ވަނީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ނަގާލައި ކޮންމެވެސް އެހެން ކަހަލަ ޖަމާއަތެއްގެ ބަޔަކަށް ރާއްޖެ ހެދޭތޯ ކަމަށެވެ. އަދި ރާއްޖެއާ ބީރަށްޓެހި ސަގާފަތްތަކެއް ރާއްޖެ ގެނެސް ލާގައުމީ ސަގާފަތެއް ގެނެވޭތޯ ކަމަށް މައުމޫން ވިދާޅުވި އެވެ.
"މިކަން އަޅުގަނޑުމެން ވަރަށް ރަނގަޅަށް އެބަޖެހޭ ދަންނަން. ރައްޔިތުންނަށްޓަކައި ދިވެހި ރާއްޖެއަށްޓަކައި އެންމެ ފުރަތަމަ ގައުމު އަމަލީގޮތުން ސާބިތުކޮށްދިނުމަށް ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭ،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އިންތިހާބުތަކުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް ބަލި ގަބޫލުކުރުމަކީ ޑިމޮކްރަސީގެ އެއް އަސާސް ކަމަށެވެ. ހަމައެއާ އެކު ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަކީ ވެސް ޑިމޮކްރަސީގެ އެއް ސިފަކަމާއި އެ ޕާޓީގެ ގާނޫނު އަސާސީ އަކީ އަސާސީ ގަވާއިދު ކަމަށާއި ޕާޓީގެ އެންމެން ވެސް އެ ގަވާއިދަށް ތަބާވާން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޑިމޮކްރަސީ އަކީ އެ މީހަކު ބޭނުންއިރަކު ބޭނުން ކަމެއް ކުރުމެއް ނޫނެވެ.
"އަޅުގަނޑުމެން އެބަޖެހޭ މި ހަގީގަތްތައް ގަބޫލުކޮށްގެން ކުރިއަށް ގެންދާނަން. އަޅުގަނޑުމެންގެ ޕާޓީގައި 31،000 އަށް ވުރެ ގިނަ މެމްބަރުން ރަސްމީކޮށް އެބަތިއްބެވި. މި ހުރިހާ ބޭފުޅުންގެ ހައްގުގައި އެ ބޭފުޅުންނަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ގުރުބާނީތަކެއް ވާން. އެ ގުރުބާނީއަކީ އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް ނެތުން. އެއްބައިވަންތަކަމާ އެކު ތިބުން،" ޕާޓީގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކަށް އިޝާރާތްކުރައްވައި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕާޓީ ބައިބައިވެދާނެ ކަމުގެ ބިރަށްޓަކައި އާއްމު ބައެއް މެމްބަރުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ. އެ ބިރު ފިލުވިދާނެ ކަމަށާއި އެކަން ކުރެވޭނީ ޕާޓީގެ ހުރިހާ މެމްބަރުން އެއްބައިވަންތަވެ ވަރުގަދަ އަޒުމަކާ އެކުގައި ކަމަށް މައުމޫން ވިދާޅުވި އެވެ. ޕާޓީގެ އެއްބައިވަންތަކަން ދެއްކުމުގެ ވަގުތު އަމަލުން ދައްކައި ސާބިތުކޮށްދޭން ޖެހިފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެ ޕާޓީ މިހާރު ދަތުރުކުރަނީ ގަދަ ކަނޑެއްގައި ނަމަވެސް އެކަންކަމުން އަރައިގަނެ އިންތިހާބަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ އެ ޕާޓީ އަށް ކުރިމަތިވެފައިވާ ގައުމީ ޖިހާދެއް ކަމަށާއި ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާ އެކު އެ މަސައްކަތް ފުރިހަމަކުރަން ޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
ޔާމީން ވެރިކަމަށް ގެނައުމަށް ވަރުބަލިވުމެއް ނެތި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ރާއްޖޭގައި އޮތީ އިސްލާމީ ގައުމީ ވިސްނުމާއި ލާދީނީ ވިސްނުން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ