އަރަބި، އިސްލާމީ ގައުމުތަކުގެ އެހީ ރާއްޖެ އަށް ބޭނުން: މައުމޫން

ރާއްޖެ މިހާރު ތަޖުރިބާކުރަމުންދާ އިގުތިސާދީ، ސިޔާސީ އަދި އިޖުތިމާއީ މައްސަލަތަކުން ސަލާމަތްވެ، މިހާރު ހުއްޓިފައިވާ ތަރައްގީގެ ދުވެލި އާ އަޒުމަކާއެކު އަލުން ފެށުމަށްޓަކައި، ކުރިއެކޭ އެއް ފަދައިން އަރަބި އަދި އިސްލާމީ ގައުމުތަކުގެ ދީލަތީ އެހީ އާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައްކާގައި އިއްޔެ ފެށި ރާބިތަތުލް އާލަމިލް އިސްލާމީގެ ތައުސީސީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ރާއްޖެ އާއި އަރަބި އަދި އިސްލާމީ ގައުމުތަކާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން މިދިޔަ ތިން އަހަރުގެ ތެރޭގައި ހީނަރުވެފައިވާ ކަމަށެވެ. އެހެންވެ އެ ގުޅުން ރަހުމަތްތެރިކަމުގެ ވަރުގަދަ އާ ބިންގަލެއްގެ މަތީގައި ބިނާކުރަންވެއްޖެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް މައުމޫންގެ ސެކްރެޓޭރިއޭޓުން ނެރުނު ބަޔާނެއްގައިވެ އެވެ.
މައުމޫން ވިދާޅުވީ މިއަދު ވަރަށް ބޮޑެތި ގޮންޖެހުންތަކާ ރާއްޖެ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެ ގޮތުން އިގުތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވުމާއި އަމަން އަމާންކަން ގެއްލިފައިވުމާއި ދިވެހި ރައްޔިތުންގެ އިސްލާމީ އަގީދާ ބަލިކަށިކުރުމަށް ބަޔަކު މަސައްކަތްކުރަމުންދާ ދިއުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާބިތާގެ ފައުންޑަ މެމްބަރެއްގެ ގޮތުގައި ހުންނެވި މައުމޫން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އިސްލާމީ އަގީދާ ރައްކާތެރިކުރުމަށާއި ރާއްޖޭގައި ދީނީ ތައުލީމާއި ދީނީ ހިދުމަތްތައް ތަރައްގީކުރުމަށްޓަކައި ރާބިތާގެ އިތުރުން އަރަބި އިސްލާމީ ގައުމުތަކުގެ އެހީތެރިކަން ކުރިއަށްވުރެ ބޮޑަށްބޭނުންވެފައިވާ ކަމަށެވެ.
"އަދި މިއީ، ރާއްޖޭގައި މިހާރު ގާނޫނީ ގޮތުން ގާއިމްވެފައިވާ އިއްތިހާދީ ސަރުކާރުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމުގައި ވެސް ރައީސް މައުމޫން ވިދާޅުވި އެވެ،" ސެކްރެޓޭރިއޭޓް އޮފް ދަ ފޯމަ ޕްރެޒިޑެންޓް އޮފީހުގެ ބަޔާނުގައިވެ އެވެ.
މި ޖަލްސާގައި ވަޑައިގެން ތިއްބެވި ވަރަށް ގިނަ ބޭފުޅުން މައުމޫނުގެ ވާހަކަފުޅަށް ވަރަށް ބޮޑަށް ތަރުހީބު ދެއްވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ