ގާސިމް ދޫކޮށްލުމަށް ގޮވާލައި މާމިގިލީގައި މުޒާހަރާކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ދޫކޮށްލުމަށް ގޮވާލައި މާމިގިލީގައި މުޒާހަރާއެއް ކޮށްފިއެވެ.
މިއަދު ހަވީރު ކުރި މި މުޒާހަރާގައި، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މި މުޒާހަރާގައި ގާސިމު ދޫކޮށްލުމަށް ގޮވާލައި، ގާސިމަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެ، މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ، ދެވަނަ ފަހަރަށް ގާސިމް ހައްޔަރުކުރީ މަޖިލީހުގެ ރައީސް މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އަލުން ވެއްދުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް ގާސިމް މަޖިލީހުގެ އެކި މެންބަރުންނަށް، އެކި ގޮތްގޮތުން ނުފޫޒު ފޯރުގައި ޤާނޫނާއި ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކޮށެވެ.
އަދި ގާސިމްގެ ބަންދަށް، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާދީފައެވެ.
ގާސިމްގެ ހައްޔަރުކޮށްފައިވާއިރު ދައުލަތުން ވަނީ އޭނާގެ މައްޗަށް ތިން ދައުވާއެއް ވެސް އުފުލާފައެވެ. އެއީ ރިޝްވަތުދޭން އުޅުނު ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއާއި ވޯޓު ދޭން އުޅުނު މީހަކަށް ނުރަނގަޅު ނުފޫޒު އުޅުނު ކަމުގެ ދައުވާ އެވެ.
މި ދައުވާތަކުގެ ފުރަތަމަ އަޑުއެހުން މިމަހުގެ 13 ވަނަ ދުވަހު ބާއްވާފައިވާއިރު ދެވަނަ އަޑުއެހުން މާދަމާއަށް ވަނީ ތާވަލް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ