އައިއެސް އިން ކުރާ ހަނގުރާމަ އަކީ ޖިހާދެއް ނޫން – މައުމޫން

ސީރިއާ އާއި އިރާޤުގައި އައިއެސް ޖަމާއަތުން ކުރަމުން އެދަނީ ޖިހާދެއް ނޫންކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނިއުދިއްލީގައި ހުންނަ އޮބްޒާވާ ރިސާޗް ފައުންޑޭޝަންގައި "އިސްލާމް ދީނަކީ ސުލްހައިގެ ދީން" މި މައުޟޫއަށް ކުރެއްވި ތަޤުރީރެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ އިސްލާމް ދީނުގައި ޖިހާދު ކުރުން އޮތީ އަމިއްލަ ނަފްސުގެ ދިފާއުގައި ފަސާދަ އާއި ދެކޮޅަށް ކަމަށެވެ.
ރައީސް މައުމޫންގެ ތަޤުރީޤުގައި އެމަނިކުފާނު ވިދާޅުވީ އައިއެސްގެ އަމަލުތަކުގެ ސަބަބުން މުސްލިމުންގެ ހައްޤު ތަކަކަށް ރައްކާތެރިކަމެއް ނުލިބެއެވެ.
ރައީސް މައުމޫން ވިދާޅުވީ އިސްލާމް ދީނުގައި އެންމެ މީހަކު މަރާލުމަކީ ވެސް މުޅި އިންސާނިއްޔަތު މަރާލުންހައި ނުބައި ކަމެއް ކަމަށާއި އެހެންކަމުން މީހުން މެރުމަށް އިސްލާމް ދީން ބާރުނާޅާ ކަމަށެވެ.
"އިސްލާމް ދީނުގައި އެއްވެސް ގޮތަކަށް އަންހެނުންނާއި ކުޑަކުދިން ނުމަރަން އޮތީ އަންގަވާފައި. މީހުން މެރުމަކީ ދީނާއި ހިލާފު ކަމެއް" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ދީނުގެ ނަމުގައި ހިންގަމުންދާ ޓެރަރިސްޓް އަމަލުތައް ކުށްވެރިކުރައްވާ ކަމަށެވެ.
އިސްލާމް ދީނަކީ ސުލްހަ އަށް ލޯބިކުރާ ސުލްހައިގެ ދީންކަން ފާހަގަ ކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ ދީނުގެ ނަމުގައި ހަނގުރާމަވެރި އަމަލުތައް ހިންގަނީ ދުނިޔޭގެ މުސްލިމުންގެ އެންމެ އިންސައްތައެއްގެ މީހުންހައި މަދު އަދަދެއްގެ މީހުން ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ މީހަކު މުސްލިމެއް ކަމަށް ދުލުން ބުނި ނަމަވެސް މުސްލިމަކަށް ނުވާނެ ކަމަށާއި މުސްލިމަކަށް ވާނީ އެމީހަކު ކުރާ އަމަލުން ކަމަށެވެ.
ރައީސް މައުމޫންގެ ތަޤްރީރަށް ފަހު އޮތް ސެޝަނެއްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވަނީ ރާއްޖެ އާއި ޗައިނާގެ ގުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ޗައިނާގެ ޕްރޮޖެކްޓްތަކަމަށް މަރުޙަބާ ކިޔަނީ ޗައިނާގެ ޕްރޮޖެކްޓްތައް ރަނގަޅު ވުމުން ކަމަށެވެ.
"އަޅުގަނޑުމެން މީގެ ކުރިން ވެސް ވަރަށް ގިނައިން ދަންނަވާފައި ވާނީ އިންޑިއާގެ ވިޔަފާރިވެރިންނަށް ވެސް ރާއްޖެ އިން މަރުޙަބާ ކިޔާނެ ކަމަށް. އަދި އެއީ ރަޝިއާ ނުވަތަ ޗައިނާ އިން ކަމަށް ވީނަމަވެސް އެގައުމެއްގެ ވިޔަފާރިވެރިންނަށް އަޅުގަނޑުމެން މަރުޙަބާ ކިޔާނަން" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖެ އަކީ ވަރަށް ކުޑަ ގައުމެއް ކަމަށާއި ރާއްޖެ އަށް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ބޭނުންވާ ކަމަށެވެ.
ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހިވަމުން ދިޔަ ނަމަވެސް އަބަދުވެސް އިންޑިއާ އަކީ ރާއްޖޭގެ އެންމެ މުހިންމު އެންމެ ގާތް ބައިވެރިޔާ ކަމަށް ވާނެ ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ