ތ. ތިމަރަފުށީ މަހުމާގޭ ފާތުމާ ތުއްތު ކަލޯ އަށް "މައުމޫންވަރުގެ މީހެއް" ނެތެއެވެ. ފާތުމާގެ ޒައީމަކީ މިއަދު ވެސް މައުމޫންވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނެއުމަށް ފާތުމާ ވޯޓް ދިނީ ރައީސް މައުމޫންގެ އެދިވަޑައިގަތުމުގެ މަތިންނެވެ. އެހެން ނަމަވެސް މިއަދު ފާތުމާ ގާތު ރައީސް ޔާމީންގެ ވެރިކަމޭ ބުންޏަސް އަންނަނީ އަމަށަކު ރުޅިއެއް ނޫންނެވެ. އަނިޔާވެރިވީމައެވެ. ދިގު 30 އަހަރުގެ ތަރައްގީގެ ބާނީ ޖަލަށްލީ މައެވެ. މިއަދު ފާތުމާ ހުރީ ރައީސް މައުމޫން މިނިވަންކުރުމަށް ޖާނާއި މާލުން ގުރުބާންވާން ތައްޔާރަށެވެ. ރައީސް މައުމޫނަންޓަކައި ޖަލަށްދާން ވެސް އުމުރުން 75 ވަރަކަށް އަހަރުވެފައިވާ ފާތުމާ ހުރީ ތައްޔާރަށެވެ.
"ޔާމީނަން ސަޕޯޓެއް ނުކުރަން މަ، މައުމޫން ގޮވާލައިގެން ޔާމީނަން ވޯޓް ދިނިން، ދެން ނުދޭނަން، އެއީ މައުމޫން ދެކެ ލޯބިވާތީ ކޮއްކޯ ދޫނިގަނޑާ، ދައްތަ ބަނޑުން ވިހާފައި ހުރި ދަރިއަކަށް ވެސް ނުކުރޭނެ އެހެން ފަރާތަކަށް ވޯޓެއް ދޭކަށް، މައުމޫން ޖަލަށް ލުމުން ދެރަވި، ކިތެއްމެހާވެސް ދެރަވި، ރޮވެ ވެސް ހެދިން" ފަތުމާ ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުންޏެއެވެ.
ރައީސް މައުމޫން ދެކެ އަބަދުވެސް މުޅި ގައުމު ފަހަރުވެރިވާނެ ކަމަށް ފާތުމާ ފަދަ އެތައް ބަޔަކު ގަބޫލުކުރެއެވެ. ރައީސް މައުމޫން ކުރައްވާ ކޮންމެ ކަމަކީ ގައުމަށްޓަކައި ކުރައްވާ ކަމެއް ކަމަށް ފާތުމާ ދެކެއެވެ. ސިޔާސީ ގޮތުން އެންމެ އިތުބާރުކުރައްވާ ބޭފުޅަކީ މައުމޫން ކަމަށްވާތީއެވެ. ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ދެކޮޅަށް އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އާއި އެކު ރައީސް މައުމޫން މަސައްކަތްޕުޅު ފެއްޓެވީވެސް އެންމެ ފުރަތަމަ ގައުމު އިސްކޮށްފަކަމަށް އޭނާ ގަބޫލުކުރެއެވެ. ރައީސް މައުމޫންގެ އެ ނިންމުންފުޅަށް އިޙްތިރާމްކޮށް އޭނާ މި ފަހަރު ހުރީވެސް ހުރީ އެމަނިކުފާން ތާއިދުކުރައްވާ ބޭފުޅަކަށް ވޯޓް ދޭން ތައްޔާރަށެވެ.
"މައުމޫން ދެކެވާލޯބިން، އިބޫއަށް ވޯޓްދޭނަން، ޖަލު ތިބި އެއްމެން ނެރޭ ގޮތަށް، ހާއްސަކޮށް މައުމޫންދެކެ މަ ލޯބި ވާތީ، މަގޭ ދަރިންނަން ވެސް އެންގިން، ޔާމީނަކަށް ވޯޓެއް ނުދޭނަން، ޔާމީނަން އޭރު ވޯޓް ދިނީ މައުމޫން ގޮވާލައިގެން، މަގޭ ކޮއްކޮއަށް ވޯޓް ދޭށޭ، އެހެންވެގެން މަގޭ ކުދިންގެ ވޯޓްވެސް ދިނިން، އެކަމް ދެން ނޯނާނެ ދިނުމެއް، މައުމޫން ދެކެ ވަރަށް ލޯބިވޭ، އެއްވެސް އެއްޗެއް ދީފައެއް ނޯންނާޅަ" ފާތުމާ ބުންޏެވެ.
ތިމަރަފުށީގައި ހުރި ރައީސް މައުމޫންގެ އެންމެ ބޮޑު ސަޕޯޓަރަކީ ކާކުތޯ އެރަށުގެ މީހަކާ ސުވާލުކޮށްލާއިފި ނަމަ އެންމެން ވެސް ބުނަނީ ލުގުމާން މުހައްމަދުގެ ވާހަކައެވެ. އުމުރުން 70 އަހަރުގެ ލުގުމާން އަށް ވެސް ޕީޕީއެމްގެ ތެރޭގައި ކަންހިނގާދިޔަ ގޮތް އިނގެއެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ލީޑރަ އަބްދުއްރަހީމް މެންފަދަ ބޭފުޅުން އަޑަށް ބާރުލާފައި އަސްލު ޕީޕީއެމްއަކީ ރައީސް ޔާމީން އޭ ވިދާޅުވިއަސް ލުގުމާން ގަބޫލެއްނުކުރެއެވެ.
"ދެން ބުނަންވީ އަމާގެ ބަފާގެ އެއްޗަކޭ، ނުބުނެވޭނެތަ، ދޫ އޮތިއްޔާ ބުނެވިދާނެ ދޯ ކޮންމެ އެއްޗަކޭ ވެސް، އެހެންނެންނުން، ފޮނަދޫ އަބްދުއްރަހީމް އެއީ ކާކު، އެއީ ވާހަކަ ދައްކަން ވެސް މަރު ހެޔޮވާވަރު ބައެއް ނޫން، އެންދެރިމާގޭގެ ގޯޅީތެރޭގައި އޭނާ ހުރި ގޮތް ވެސް ދެކުނިން، މައުމޫން ކައިރިއަށް ގޮސް، ޕީޕީއެމް އަކީ މައުމޫންގެ އެއްޗަކޭ، މައުމޫން އުފެއްދީ އެއްޗެއް ޕީޕީއެމް އަކީ، އެހެން މީހަކު އުފެއްދި އެއްޗެއް ނޫން، މައުމޫންގެ އޮފީހުގައި ހުރި ހުރިހާ އެއްޗަކާއި އެއްޗެހި ވެސް ސިފައިން ގެނެސްގެން ވަގަށް ގެންގޮސް ހުރިހާކަމެއް ކޮށްފަ އެ އޮތީ، އޮފީސް ވެސް މިހާރު ބަންދުކޮށްފަ އެ ހުރީ، އަބްދުﷲ ރަހީމެން މިއަދު ބޮޑަތި ގެތަށް އެ އަޅަނީ" ރައީސް މައުމޫނާއި ގުޅޭ ގޮތުން އަދުރޭ ދައްކާ ވާހަކަތަކާއި ގުޅޭގޮތުން ލުގުމާން ބުންޏެއެވެ.
ލުގުމާން ދެކޭގޮތުގައި އަދިވެސް ރާއްޖޭގެ އެންމެ ބޮޑު ތާއިދެއް އޮތީ ރައީސް މައުމޫނަށެވެ. ރައީސް މައުމޫން ޖަލުން ނުކުމެ ވަކި މީހަކަށް ވޯޓް ދޭން ވިދާޅުވެ މަސައްކަތް ފައްޓަވާއިފިނަމަ، "ހަރަކުން މީހުން ނުކުންނަ ހެން ނުކުންނާނެ" ކަމަށެވެ. ހީވެސް ނުކުރާ ކިތެއްމެ ބައެއް ރައީސް މައުމޫނަން ތާއިދު ކުރައްވާ ކަމަށް އޭނާ ދެކެއެވެ. އެކަމުގެ ހެއްކަކީ ނިމިދަޔަ ރިޔާސީ އިންތިހާބު ރައީސް ޔާމީނަން ކާމިޔާބުކުރެއްވުމެއެވެ. ރައީސް މައުމޫންގެ އެދިވަޑައިގަތުމަށް ރައީސް ޔާމީނަން އެ ދުވަހު ވޯޓް ދިންކަމުގައި ވިއަސް، މިއަދު ލުގުމާން ހުރީ "ގަޔަށް ބަޑިޖެހިއަސް" ރައީސް ޔާމީނަން ވޯޓް ދޭ ގޮތަކަށް ނޫނެވެ.
"ކަރަށް ވަޅު ޖެހިއަސް ޔާމީނަން ވޯޓް ނުދޭނަން، ކޮންމެ ކަމެއް ކުރިއަސް ނުދޭނަން ޔާމީން އަކަށް ވޯޓެއް، ބަޑިޖެހިއަސް ނުދޭނަން" ލުގުމާން ބުންޏެއެވެ.
މިއީ ހަމަ އެކަނި ލުގުމާން އާއި، ފާތުމާ ދެކޭ ގޮތެއް ނޫނެވެ. ރައީސް މައުމޫން ޖަލަށް ލުމުން، ރައީސް ޔާމީންނަން ވޯޓް ނުދޭނެ އެތަކެއް ޕީޕީއެމްގެ މެމްންބަރުން އެބަތިއްބެއެވެ. އެއީ ޑީއާރުޕީ އުފައްދައިގެން ރައީސް މައުމޫން މަސައްކަތްޕުޅު ކުރެއްވިއިރުން ފެށިގެން، އެމަނިކުފާނަން ތާއިދުކުރެއްވި މީހުންނެވެ. މިއަދު އެމީހުންގެ އުންމީދަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އިބޫއަށް ދޭ ވޯޓަކީ އެމީހުން ދެކޭ ގޮތުގައި އަނިޔާވެރިކަމާއި ދެކޮޅަށްދޭ ވޯޓެކެވެ. ރައީސް މައުމޫން މިނިވަން ކުރުމަށް ދެވޭ ވޯޓެއް ކަމަށެވެ. އިބޫގެ ވެރިކަމެއްގައި ރައީސް މައުމޫނަން ދެރަ ގޮތެއް ނުހައްދަވާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ވެސް އޮވެއެވެ.
"މައުމޫން އެތަނުން (ޖަލުން) ނެރޭން ބުނީމަ އިބޫއަށް ވޯޓް ދޭނީ، ޖަލުން އެމީހުން ސަލާމަތް ކުރަން ބުނީމަ، އެހެންކަމެއްގަ އެއްނޫން، އެހެންނޫނީ ކޮންމެހެން އިބޫއަށް ވޯޓް ދިނުމުން މުހިންމެއް ނޫން" ލުގުމާން ބުންޏެއެވެ.
މައުމޫން މިނިވަން ކުރުމަށް ރައްޔިތުންނަން ލިބޭ ފަހު ފުރުޝަތަކީ ވެސް ސެޕްޓެމްބަރ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބެއެވެ. އެންމެން ބަދަލަކަމަށް މަސައްކަތް ކުރާއިރު، ރައީސް މައުމޫން ބަންދުން މިނިވަން ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ލުގުމާން އާއި ފާތުމަ ހުރީ ތައްޔާރަށެވެ. ދެ މީހުން މައުމޫންގެ ޙައްގުގައި ޖަލަށް ދާން ވެސް ތިބީ ތައްޔާރަށެވެ. އެއީ އެމީހުންގެ ޒައީމް އަދިވެސް މައުމޫނެވެ. އެމީހުންގެ ހިތުގައި އަދިވެސް ޖަހަނީ އެއްރާގަކެއެވެ. "ތިޔައީ ޒައީމޭ އަދު ލޮބުވެތި މި ދިވެހި ގައުމު ފަހުރުވެރިވާ، އުފުދޭ ޝުއޫރުން ނަންފުޅު ލިޔެވިދާ ހަނދާންތަކުގާ" މި ލަވާއިގެ ރާގެއެވެ. އެއީ އެމީހުންގެ ޝުއޫރުތަކެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މައުމޫންގެ ވަރުގަދަ ދެ ސަޕޯޓަރުން: މައުމޫން މިނިވަންވުމަށް އެދޭނަމަ އިބޫއަށް ވޯޓުދީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ