ޕީޕީއެމްއަކީ އުމަރު ނަސީރު، އުމަރު ނަސީރަކީ ޕީޕީއެމް - މާޒް ސަލީމް

ޕީޕީއެމްއަކީ އުމަރު ނަސީރު ކަމަށާއި އުމަރު ނަސީރަކީ ޕީޕީއެމް ކަމަށް އެޕާޓީގެ ކައުންސިލް މެންބަރު އަހުމަދު ސަމީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ޕްރައިމަރީގައި ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިވެވަޑައިގެންނެވުމުން ސަޕޯޓަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި މާޒް ސަލީމް ވިދާޅުވީ އޭނާއަށް އެ މަންޒަރު ވަރަށް ސާފުކޮށް ފެންނަ ކަމަށާއި އަދި އެއީ ކުރިން ވެސް އޭނާ ދަންނަވަމުން އަންނަ ވާހަކައެއް ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ސާފުކޮށް މި މަންޒަރު އެބަފެނޭ، އަޅުގަނޑު ކުރިން ވެސް ދަންނަވަމުން އަންނަ ވާހަކައެއް، އަޅުގަނޑު މިރޭ މި ވާހަކަ ތިބޭފުޅުންނަށް ހިއްސާކޮށްލީ، ޕީޕީއެމްއަކީ އުމަރު ނަސީރޭ، އުމަރު ނަސީރަކީ ޕީޕީއެމްއޭ." މާޒް ސަލީމް ވިދާޅުވި އެވެ.
ކެމްޕެއިން ޖަލްސާތަކުގައި ވަރަށް އަޑު ހަރުކޮށް ވާހަކަދައްކަމުން ގެންދިޔަ މާޒް ސަލީމް ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވީ ވަރަށް މަޑުމައިތިރިކަމާއިއެކު އެވެ.
މާޒް ސަލީމް ވިދާޅުވީ ރޭގެ ޖަލްސާ އެހާ އަވަހަށް ބޭއްވީ ޕީޕީއެމް އެކަތިގަނޑަކަށް ހަދާވަރު ގަދަ ކުރަނން ކަމަށާއި ޕީޕީއެމް ދޫކޮށްފައިނުދާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ފިކުރަށް ތާއީދުކުރަން އިތުރު މެންބަރުން އެޕާޓީ އާއި ގުޅުމަށް ވެސް މާޒް ސަލީމް ގޮވާލި އެވެ.
މާޒް ސަލީމް ވިދާޅުވީ އެމީހުންގެ ލީޑަރަކީ އުމަރު ނަސީރު ކަމަށާއި އުމަރު ނަސީރު ގޮވާލަމުންދާ ގޮވާލުން ތަކަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ގޮވާލަން ފެށި ގޮވާލުންތަކެއް ކަމަށާއި މިއަދު ލީޑަރު ބޭނުންވަނީ އެގޮވާލުންތަކަށް ގައުމުގެ ތާއީދު ކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަމުން އުމަރު ނަސީރު ވެސް ވިދާޅުވެފައިވަނީ ޕީޕީއެމް އަކީ އޭނާ އުފެއްދެވި ޕާޓީއެއް ކަމަށެވެ.
”ހަނދުމަފުޅު ބަހައްޓަވާ ޕީޕީއެމް އަކީ އަޅުގަނޑުމެން އުފެއްދެވި ޕާޓީ އެއް، ޕީޕީއެމް އުފެދުނީ ޒެޑް ޑީއާރުޕީ ތެރެއިން. އެހެންވީމަ މިޕާތީ ދޫކޮށްލާފަ އަލުގަނޑުމެންނެއް ނުދާނެ ވަގުތީ ނާކާމިޔާބެއް އައުމަކުންނެއް. އަޅުގަނޑުމެންނެއް ނުދާނެ މިޕާޓީ ދޫކޮށްލާފަ އެއް، އަޅުގަނޑުމެންގެ ސިޔާސަތަކީ ގޮންޖެހުންތަކާއި ކުރިމަތިލައިގެން ގޮންޖެހުންތައް ފަހަނަޅައި ކާމިޔާބު ކުރުން. ގޮންޖެހުންތަކަށް ފުރަގަސް ދީފައި ދިއުމެއް ނޫން އަޅުގަނޑުމެންގެ ސިޔާސަތަކީ” އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ