ރައީސް ޔާމީނަށް ސަޕްރައިޒެއް ދެއްވައި، މެމްބަރު ހުސައިން ޕީޕީއެމްއަށް

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެން މުހައްމަދު ލަތީފް ޕީޕީއެމް އާ ގުޅިވަޑައިގެންފިއެވެ. "ހިބަރުވަދު" މި ނަމުގައި މިރޭ ޕީޕީއެމުން ކުރިއަށް ގެންދާ ޖަލްސާގައި "ރައީސް ޔާމީނަށް ސަޕްރައިޒެއް ދެއްވަނީ ކަމަށް ވިދާޅުވެ ހުސައިން ޔާމީނަށް އެރުވީ ޕީޕީއެމް އަށް ސޮއިކުރި ފޯމެވެ. ހުސައިން މުހައްމަދު ލަތީފު ވެފައި މިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ދެވަނައަށް އިންތިހާބުވި ފިކުރު ބަދަލު ކުރި މެމްބަރަށެވެ. އެންމެ ފުރަތަމަ ސޮއިކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ. ޖާބިރު ސޮއިކުރެއްވީ އެމަނިކުފާނު ލީޑަރު ކުރައްވާ ޑީއާރުޕީއަށެވެ. މީގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާ ތަމްސީލު ކުރެއްވި ހުސެން މުހައްމަދު ލަތީފް މިފަހަރުގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަ ކުރައްވައިގެންނެވެ. މެންބަރު ހުސެން ޕީޕީއެމް އަށް ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖެ މިހާރު ދަތުރުކުރަމުން މިދަނީ ކޮން މިސްރާބަކަށްތޯ ރައްޔިތުން ވިސްނާލަންޖެހޭ ކަމަށެވެ. "ތިމާހުރީ ކޮންޕާޓީއަކަށްތޯ، ނުވަތަ ތިމާ ހުރީ ކޮން ކުލައަކަށްތޯ ބަލާކަށް ނުޖެހޭ. އެއީ އަދި ޔެލޯ ވިޔަސް، ޕިންކު ވިޔަސް އަދި ރެޑް ވިޔަސް އަދި ފެހިވިޔަސްމެ. ބަލާލަން ޖެހެނީ ތިމާ ހުރީ ފެއްސާ ހުދާ ރަތުގެ ދަށުގައިތޯ. މިކަން ޔަގީންކުރަން އެބަޖެހޭ،" މެންބަރު ވިދާޅުވިއެވެ. ހުސެން މުހައްމަދު ލަތީފް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރުން އިތުރުވެފައިވާ ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ﷲ އާއި ރަސޫލާ އަށް އަދި ދީނުގެ ހުކުމްތަކަށް ގޮންޖަހަމުންދާ ބަޔަކު އެބައުޅޭ ކަމަށެވެ. "ޖިންސެއް ނަސްލެއް އުއްމަތެއް މިއްލަތެއް ރައްބެއް ރަސޫލެއް ނެތި ހަމައެއް ލަމަޔެއްނެތް އުސޫލުތަކަށް އަޅުގަނޑުމެން ލެންބުމަށް އެދަނީ މަސައްކަތް ކުރަމުން. އެފަރާތްތަކުން މުސާރަ ނަގައިގެން ރާއްޖޭގެ އެފަދަ ޖަމާއަތްތަކުގެ އޮފީސްތައް މިތަނުގައި ގާއިމްކޮށްގެން އެދަނީ ރިޕޯޓުތައް ނެރެމުން،" ހުސެން މުހައްމަދު ލަތީފް ވިދާޅުވިއެވެ. މެންބަރު ހުސެން ވިދާޅުވީ ރާއްޖޭގައި އިސްލާމްދިނާއި ގައުމިއްޔަތު ދިރުވަން މަސައްކަތް ކުރަން ޖެހިދާނެކަމުގެ ބިރުވެރި ރަނގަބީލުގެ އަޑު އިވެން ފަށާފައިވާ ކަމަށެވެ. މީގެ ކުރިން ޕީޕީއެމްގައި ހުންނެވުމަށްފަހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ރައީސް ޔާމީނަށް ނާކާމިޔާބުވެ ވަޑައިގަތުމުން ހުސެން ވަނީ ޕީޕީއެމް އާ ފެޔަށް ޖެހިވަޑައިގެންފައެވެ. އޭގެ ފަހުން ރައީސް ޔާމީނަސްވެސް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވިއެވެ. އަދި ޖުމްހޫރީ ޕާޓީއާވެސް ގުޅިވަޑައިގަތެވެ. އެގޮތުން ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމްގެ ލިޑާޝިޕް ބަދަލު ނުވާތީ، އެކަަމަށް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ. ހުސެން މުހަައްމަދު ލަތީފަކީ މީގެ ކުރިންވެސް ރައީސް ޔާމީނާ ވަރަށް އަރިސްކޮށް މަަސައްކަތްކުރެއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ