މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މޫސުން ގޯސްވެގެން ކަމަށް ބުނެ ފަސް ކުރި ޖަލްސާ އަންނަ ހުކުރުވިލޭރޭ ބާއްވާނެ ކަމަށް އެ އިންތިހާދުން ބުނެފި އެވެ.
ރޭ އިދިކޮޅު އިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު އަހުމަދު މަހުލޫފު ވިދާޅުވީ އަންނަ ހުކުރުވިލޭރޭ ޖަލްސާ ބާއްވަން ހައުސިންގ މިނިސްޓްރީގައި ހުއްދަ އަށް އެދޭނެކަމަށެވެ. ނަމަވެސް ހުއްދަ ދިނަސް ނުދިނަސް އެ ރޭ ޖަލްސާ ބާއްވާނެ ކަމަށެވެ.
މަހުލޫފު ވިދާޅުވީ އިއްތިހާދުގެ މަގުސަދަކީ ގަނޫނީ އިމުން ބޭރުންކަމެއް ކުރުން ނޫންކަމަށާއި ބޭނުމަކީ ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް ގެނެސް އިންސާފުވެރި އިންތިހާބެއް ބޭއްވުން ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ ފަރާތުން ހިތްވަރާއި ޖޯޝު ހުރިކަން މޫސުން ގޯސްވެގެން ޖަލްސާ ކެންސަލްކޮށްލި ދުވަހު ފެނިގެން ގޮސްފައިވާ ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުންވަނީ އެރޭގެ ޖަލްސާ ކެންސަލް ކުރަންޖެހުނު ސަބަބުތަކުގެ ތެރޭގައި ސިޔާސީ ހަރާތްތަކަށް ސަރުކާރުން ޖާގަނުދިނުންވެސް ހިމެނޭކަމަށް ބުނެފަ އެވެ. އަދި ގާނޫނުއަސާސީން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިފައި އޮތް އިރު، ވަކި މުއައްސަސާއެއްގެ ސިޓީއެއް ހޯދަން ކޮންމެހެން ނުޖެހޭނެ ކަމަށާއި ހިޔާލު ފާޅު ކުރުމުގެ ހައްގު ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ގޮވާލި އެވެ.
ރޭ އިދިކޮޅު އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމީމާއި ރައީސް އޮފީހުގެ ހިއުމަން ރައިޓްސް އެމްބެސެޑަރު ކަން ކުރެއްވި އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހަންމައިދީ) އާއި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހު އިދިކޮޅު އިއްތިހާދާ ރަސްމީކޮށް ގުޅުނު ކަން އިއުލާން ކޮށްފައެވެ.
ހުއްދަ ދިނަސް ނުދިނަސް ހުކުރުވިލޭރޭ ޖަލްސާ ބާއްވާނަން: އިދިކޮޅު އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ