މާދަމާ ހަވީރު ފަހަކުން ރޭގަނޑު އަށަކަށް، އަނެއްދުވަހު ހަވީރު ހަޔަކުން ރޭގަނޑު ދިހަޔަކަށް ދުއްވުން މަނާ

މާދަމާ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް އަދި މާދަމާ ނޫން އަނެއްދުވަހުގެ ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް މާލޭ މަގުތަކުގައި ދުއްވުން މަނާކޮށްފިއެވެ.
މިގޮތަށް ހަމަޖެއްސީ މިނިވަން ދުވަހުގެ އުފަލުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރުމުގެ ގޮތުންނެވެ. މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރާންސްޕޯޓް އޮތީރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒް ވިދާޅުވީ އެ ގަޑިތަކުގައި ހަމައެކަނި ދުއްވޭނީ ހައުސިން މިނިސްޓްރީން ހުއްދަދީފައިވާ އުޅަދުތަކަށް އެކަނި ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ދުއްވަން މަނާގަޑިތަކުގައި ކޮންމެހެން ދަތުރުކުރަންޖެހޭ އުޅަދުތަކަށް އެކަމުގެ ހުއްދަ އެ މިނިސްޓްރީން ދޭނެ ކަމަށެވެ. އަދި އެ ހުއްދަ ދެމުންދާނީ އެ މިނިސްޓްރީގެ ދަށުން ހިނގާ އާއްމުޚިދުމަތާއި ބެހޭ ބައިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މާދަމާ ދުއްވުން މަނާ ގަޑީގައި ދުއްވުމުގެ ހުއްދަ އަށް އެދުމުގެ ފުރުސަތު މާދަމާ ހެނދުނު 10:0 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 2:00 އިން 3:00 އަށް ހުޅުވާލާނެ ކަމަށާއި އަދި މާދާމާ ނޫން އަނެއްދުވަހު އުޅަދުތައް ދުއްވުމުގެ ހުއްދަ ދިނުން އެ ދުވަހު ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރު ފަހު 2:00 އިން 3:00 އަށް ދޫކުރާނެ ކަމަށް މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.
އޮޑި ދޯނި ފަހަރުތަކުން ވެސް މަނާގަޑި ނޫންތަކުގައި މުދާ ބަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މުހައްމަދު އިބްރާހިމް އެދިވަޑައިގެންނެވި އެވެ. މީގެ އިތުރުން މިނިވަން 50 އަށް ތައްޔާރުވުމުގެ މަސައްކަތާ ގުޅިގެން ދަތުރުތައް ކުރާ ފަރާތްތަކަށް ޚާއްސަ ހުއްދަ އެއް މިނިވަން 50 އޮފީހާއި ގުޅިގެން ދޫކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ