ކޮރަޕްޝަނަށް މަގުފަހިވާ ނިންމުމެއް ބަލައިނުގަނެވޭނެ: މައުމޫން

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނިންމާ އެއްވެސް ނިންމުމެއް ބަލައިނުގަނެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރައީސް އޮފީސް ޓެގް ކުރައްވައި މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެއީ ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ ކަނޑަ އެޅިގެން ޚިލާފު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކު، އެމަނިކުފާނުގެ ވާހަކަފުޅު އަމާޒު ކުރެއްވީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް ވިދާޅެއް ނުވެއެވެ. ޒީރޯ ޓޮލަރެންސަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
އެކަމަކު، މައުމޫންގެ ޓުވީޓު މި އައީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާނުގައި 18 އަހަރު ނުފުރޭ ދަރިންނާއި މެންބަރުންގެ އަނބިން ނުވަތަ ފިރިން ނުހިމެނޭ ގޮތަށް މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި ޝާއިއު ކުރުމާއި މެދު އާއްމުން ނުރުހުން ފާޅުކުރަމުން ދަނިކޮށް، އާއިލާގެ މައުލޫމާތު ނުހިމަނާ މާލީ ބަޔާން އާއްމުކުރަން މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފައި ވަނިކޮށެވެ.
އެކަމަކު އެ ބަޔާންތައް ވެސް މަޖިލިހުގެ އަމީންއާންމަށް ހުށައެޅުމުން، އޭގެ ކޮޕީ އޮޑިޓަ ޖެނެރަލްއަށް ފޮނުވަން ޖެހެއެވެ.
މަޖިލިހުގެ ގަވައިދު އަދިވެސް އޮތީ މެމްބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށެވެ.
ގަވާއިދު ކުރިން އޮންނަ ގޮތުން މެމްބަރުންނާއި މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަން ޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ