އިދިކޮޅުން ގޮވާލީ މިމަހު ކަރަންޓް ބިލް ނުދައްކަން

ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުކޮށްފައިވާ ކަމަށާ އެެހެން ކަމުން މިމަހު އެއްވެސް ރައްޔިތަކު ކަރަންޓް ބިލް ނުދެއްކުމަށް އިދިކޮޅުން ގޮވާލައިފި އެވެ.
މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ނިމާލް ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންގެ މާލީ ފުއްދުންތެރިކަން ނެތް ވަގުތެއްގައި އޮޅުވާލުމުގެ ތެރެއިން ބޮޑު ބިލެއް ފޮނުވުން ގަބޫލު ނުކުރެވޭނެ ކަމަށެވެ. މިއީ ރައްޔިތުން ބިކަހާލުގައި ޖެއްސުމަށް ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ މިއީ އެނގުމުގެ ތެރެއިން ކޮށްފައިވާ "ވައްކަމެއް" ކަމަށެވެ. އެހެން ކަމުން މި މަހުގެ ބިލް އެއްވެސް ރައްޔިތަކު ނުދެއްކުމަށް އޭނާ ގޮވާލެއްވިއެވެ. ނިމާލްއަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ސްޓެލްކޯގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ފަހުން ފެނަކަ ހިންގުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
އިދިިކޮޅު ކޯލިޝަނުން ވަނީ ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީއާ ބައްދަލް ކުރުމަށްވެސް އެދިފައެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް ސޮއިކުރައްވާ މިއަދު ފޮނުވި ސިޓީއެއްގައި ވީ އެންމެ އަވަހަށް ސްޓެލްކޯގެ އެމްޑީއާ ބަދަލު ކުރުމުގެ ފުރުސަތަކަށް ވަނީ އެދިފައެވެ.
ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށާ އެކަމާ ގުޅިގެން ސްޓެލްކޯ ޖަވާބުދާރީ ކުރުމަށް އެމްޑީޕީގެ މެންބަރަކު ވަނީ ހުށައަޅާފައެވެ.
މި މައްސަލަ ބަލާ، ކަރަންޓް ކުންފުނި ޖަވާބުދާރީ ކުރުވުމަށް ހުށައަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއީލް މީގެ ކުރިންވެސް ވަނީ ރައްޔިތުންނާއި ގުޅުންހުރި މިފަދަ ބައެއް މައްސަލަތައް ބެލުމަށް މަޖިލީހަށް ހުށައަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ މީކާއީލް ފޮނުއްވި ސިޓީގައި މާލެ ސިޓީގެ ގޭގެއަށް މިދިޔަ މަހު ކަރަންޓް ބިލް އައިއިރު އެބިލްތައް އާދަޔާއި ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އެ ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. އަދި އެ ބިލްތައް ބޮޑުވެފައިވާ ކަަމަށް ފެންނަނީ މާލެ ސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން ސަރުކާރުން ދިން ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފައިވީނަމަވެސް، ލޮކްޑައުން އައުމުގެ ކުރީ މަސްތަކުގެ ކަރަންޓް ބިލާއި އަޅާކިޔާއިރުވެސް ޖޫން މަހުގެ ބިލް ދެ ގުނަ، ތިންގުނަ އަދި ހަތަރުގުނަވެސް ބޮޑުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"..އެހެން ކަމުން ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް މާލީ ގޮތުން އިންތިހާއަށް ދަތިވެފައިވާ މިދަނޑިވަޅުގައި ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ސަބަބު، މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީ މެދުވެރިކޮށް އޮޅުން ފިލުވައިދެއްވައި ސްޓެލްކޯ ޖަވާބުދާރީ ކޮށްދެއްވުމަށް އެދި ދެންނެވީމެވެ،" މީކާއިލްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ