ފެނާއި ކަރަންޓް ބިލްތައް ދެއްކުމުގައި ގެސްޓްހައުސްތަކަށް ލުއިތަކެއް

ފެނާއި ކަރަންޓް ބިލްތައް ދެއްކުމުގައި ގެސްޓްހައުސްތަކަށް ލުއިތަކެއް ދީފިއެވެ.
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން މިއަދު ނެރުނު ނޫސްބަޔާނެއް ގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އެހާ ގިނަ ދުވަސްތަކެއް ވަންދެން ގެސްހައުސް އިންޑަސްޓްރީ ބަންދުވެފައި އޮތުމުގެ ސަބަބުން ދިމާވި މާލީ ދަތިތަކުގެ ސަބަބުން ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ގިނަގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ވަކިން ހާއްސަކޮށް ގެސްޓްހައުސް ތަކުގެ ކަރަންޓު ބިލްތަކާއި ފެން ބިލްތަކުގެ ޕެންޑިން އަދަދު ބޮޑުވެ އެކަމަށް އެކަށީގެންވާ ލުއިތަކެއް ލިބިފައިނުވުމުން އެކަމަށް ލުޔެއް ހޯދައިދިނުމަށް އެ އެސޯސިއޭޝަންގައި ގެސްޓްހައުސްތަކުން އެދުނު ކަމަށް ގޭމް އިން ބުނެ އެވެ.
އަދި ގެސްޓްހައުސްތަކުގެ ކަންބޮޑުވުން އެ އެސޯސިއޭޝަނުން ޓޫރިޒަމް މިނިސްޓްރީ އާއި ހިއްސާކުރުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިއަހަރުގެ ޖުލައި މަހާއި ހަމަ އަށް ނުދައްކާ ހުރި ބިލްތަކަށް ދައްކަންޖެހޭ ފައިސާ މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހަ މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ސްޓެލްކޯ، ފެނަކަ އަދި އެމްޑަބްލިއުއެސްސީ އިން ހަމަޖައްސާދީފައިވާ ކަމަށް ގޭމް އިން ބުނެ އެވެ.
މިގޮތަށް ބަހާލައިގެން ބިިލްތަކަށް ފައިސާ ދައްކަން ބޭނުންވާ ގެސްޓްހައުސްތަކުން ސްޓެލްކޯ އާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީއާ ގުޅައިގެން ކުރިއަށް ގެންދިއުމަށް ގެސްޓްހައުސް އެސޯސިއޭޝަނުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ