ޔައުގޫބުގެ މެމްބަރުކަން ގެއްލުނުތޯ ސާފުކުރަން ސުޕްރީމް ކޯޓަށް

އެމްޑީޕިއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރު ކަމުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެދުނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދުނު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރުކަން ގަބޫލު ކުރެއްވުމުންނެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާ ބުނާ ގޮތުން، މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ.
ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމެވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. ހަލީމް ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލަ ހުށަހަޅަން ނިންމެވީ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވާތީ ކަމަށެވެ. އަންނަ ހަފުތާގައި އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ހަލީމްގެ ޓްވީޓްގައިވެ އެވެ.
Twitter Embeded
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރު ކަމާ ޔައުގޫބު ހަވާލުވެވަޑައިގަތުމުން އޭނާގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށުމުން އޭނާ މިހާރު ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވައިފަ އެވެ. ގާނޫނުއަސާސީ ބުނާގޮތުން މަޖިލިސް މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދިއްޖެ ނަމަ، އެކަމާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
މީގެ ކުރިން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މިހާރު ލީޑަރު އަލީ އާޒިމާއި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒްގެ މެމްބަރު ކަމުގެ މައްސަލައެއްވެސް ހަލީމް ހުށަހެޅުއްވި އެވެ. އެމައްސަލަ ހުށަހެޅުއްވީ އެ ދެ މެމްބަރުން ގެރެންޓީ ދެއްވި ލޯނަކަށް ފައިސާ ނުދެއްކުމުން އެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ބެލުމަށް ފަހު އޮކްޓޫބަރު 2013 ގައި ސުޕްރީމް ކޯޓުން ނިންމީ އެ ދެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ