ރައީސް މައުމޫން ޕީޕީއެމްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފި

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
ރައީސް މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ކަމަށް އައްޔަންކުރައްވާފައިވާ އަބްދުލް އަލީމް ވިދާޅުވީ ޕީޕީއެމްއާ ދެކޮޅަށް ރައީސް މައުމޫނަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އިއްޔެގެ ވަގުތެެއްގައި ކަމަށެވެ. ނަމަވެސް ބަލައިގެންކަން އަދި އަންގާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
އަލީމް ވިދާޅުވީ ރައީސް މައުމޫން ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރުތަކެއް ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހަވާލުކޮށްފައިވަނީ ގާނޫނު އަސާސީއާއި ސިޔާސީ ޕާޓީ ތަކާއި ބެހޭ ގާނޫނާއި، ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައި ދެއްވުމަށް ކަމަށެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން މިދިޔަ މަހުގެ 16 ވަަނަ ދުވަހު ހުކުމް ކުރީ އެޕާޓީގައި ރައީސްއެއް ހުންނެވި ނަަމަވެސް ޕީޕީއެމްއަށް މިހާރު ކުރިމަތިވެފައިވަނީ ރައީސް އެއް ނެތް ފަަދަ ހާލަތެއް ކަމަށް ކަނޑައެޅުމަށްފަހު އެވެ. ޕީޕީއެމް ހިންގަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަން ޔަގީން ކުރުމަށްޓަކައި ޕީޕީއެމްގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭ ފަރާތަކީ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.
މިމައްސަލަ ކޯޓަށް ހުށަހެޅުއްވީ ރައީސް ޔާމީނަށް ތާއީދުކުރައްވާ ޕީޕީއެމްގެ މަޖިލިސް ދެ މެންބަރުން ކަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއާއި، ހުޅޫދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. މި ދެ ބޭފުޅުންނަކީ ބަތަލުންގެ ގޮތުގައި ރައީސް ޔާމީން ވަނީ ސިފަކުރައްވާފަ އެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ މައްސަލަ ނިންމާފަ އެވެ. ނަމަވެސް އެއީ ގާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ރައީސް މައުމޫން މީގެ ކުރިން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ