ރައްޒާން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް: ހައިކޯޓު
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމާ ގުޅިިގެން ހައްޔަރުކުރި ޕީޕީއެމްގެ ސެނެޓާރ އިބްރާހިމް ރައްޒާން (ޓަކީ) ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމައިފި އެވެ.މިދިޔަ މަހު ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައްޒާން ހައްޔަރު ކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށް ދިނެވެ. އެކަމަކު ދެވަނަ ފަހަރު ކޯޓުން ނިންމީ ޝަރުތުތަކާ އެކު އޭނާ ބަންދުން ދޫކޮށްލުމަށެވެ.އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ރައްޒާން ފުރަތަމަ ބަންދުކުރަން އަމުރުކުރީ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ކަމަށް ވާއިރު، ދެވަނަ ފަހަރު އޭނާ ބަންދުކުރަން އެދުނީ ވެސް އެ ރިޕޯޓަށް ބިނާކޮށް ކަމަށެވެ.އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ހުޒައިފާ އަހްމަދު ވިދާޅުވީ ރަޒާން ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފުލުހުންގެ ތަހުގީގަށް ހެކި ލިބިފައިވާކަމަށް އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.އެ މައްސަލައިގައި އިންޓެލިޖެންސް ރިޕޯޓެއް އޮތް ނަމަވެސް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ތަސައްވަރު ކުރާފަދަ އިންޓެލިޖެންސް ރިޕޯޓެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށެވެ.ހެކިންނަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވިދާނެ އެކަށީގެންވާ ސަބަބުންތައް ފުލުހުން ބަޔާންކޮށްފައިނުވާތީ ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވި އެވެ.ފަނޑިޔާރު ހުޒައިފާ މުހައްމަދާއި އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވަނީ ދަށު ކޯޓުގެ ނިންމުން ބާތިލް ކުރެވެން ނެތް ކަމަށެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ އެވެ.ޔޯގާއާ ދެކޮޅު ހަމަނުޖެހުމާ ގުޅިގެން ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޝޭހް ފަޒްލޫން މުހައްމަދާއި ޝޭހް އާދަމް ނިޝާނާއި އިތުރު ގިނަ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ