މިނިވަން ނޫސްވެރިކަމުގެ ދުވަސް ފާހަގަ ކުރާއިރު މީޑިއާ އޮތީ ސަރުކާރުގެ ޖީބުގައި: ޝަހީދު

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަހަރު ފާހަގަ ކުރާއިރު، މީޑިއާ އޮތީ ސަރުކާރުގެ ޖީބުގައި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ފޮރިން މިނިސްޓަރު އަދި އދ.ގެ ސްޕެޝަލް ރެޕަޓުއާ ޑރ. އަޙްމަދު ޝަހީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން ލިބިދީފައިވާ މިންވަރު ބެލުމަށްފަހު، ކޮންމެ އަހަރަކު ވެސް ނެރޭ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ރިޕޯޓްގައި ރާއްޖެ މިވަނީ 15 ދަރަޖަ ފަހަތަށް ވެއްޓިއްފައެވެ. މިއީ މި ފާއިތުވި ހަތަރު އަހަރު ދުވަސް ތެރޭގައި ރާއްޖެ ދަށަށް ވެއްޓުނު ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ. ސަރުކާރަށް އަމާޒު ކުރައްވައި ޝަހީދު ވިދާޅުވީ ތަފާތު އެކި ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގައި ސަރުކާރުން ދޭ ސަމާލުކަން ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެއްވޭ ކަމަށެވެ. "ސަރުކާރުން ފަތުރާ ޕްރޮޕަގެންޑާ ނުވަތަ ދޮގު މަޢުލޫމާތު ވަނީ އިތުރު. މީޑިއާތައް ހައްދައިގެން އަމިއްލަ އެދުން ހާސިލް ކުރުމަށް ކުރާ މަސައްކަތް ވަނީ އިތުރު. ކަންތައްތައް ފޮރުވުމާއި އޮޅުވާލުން ވަނީ އިތުރު،" ޝަހީދު ވިދާޅުވިއެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިތޯބުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މި ސަރަހައްދުން ރާއްޖެއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްޤު، އެންމެ ފުރިހަމައަށް މިހާރު ލިބިދީފައިވާ، އަދި އެ ހައްޤުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމު ކަމަށެވެ. ރައީސް ވިދާޅުވީ ނުހަނު ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން ތާށިވެފައި އޮތް ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުން ފެންނަ ނަތީޖާއާމެދު އުފާފުޅު ކުރައްވާ ކަމަށެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ތިން ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ