'އަބަދަށް'ގެ ވަދާއީ ޝޯތައް މިރެއިން ފެށިގެން އޮލިމްޕަހުގައި

އޮލިމްޕަސް ބޮޑު ސްކްރީނުގައި މިހާރު ދައްކަމުން އަންނަ ދިވެހި ފިލްމު 'އަބަދަށް'ގެ ވަދާއީ ޝޯތައް މިރޭ ދައްކަން ފަށާނެ ކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ކުލަގަދަ ޕްރިމިއާއަކާ އެކު އެޕްރީލް 28ގައި ދައްކަން ފެށި 'އަބަދަށް' އަކީ މި އަހަރު އޮލިމްޕަހުގައި އެޅުވި ފުރަތަމަ ފިލްމެވެ.
މިއީ ކުޅަދާނަ ޑައިރެކްޓަރު މޫމިން ފުއާދު ލިޔެ، ޑައިރެކްޓުކޮށް، ތަޖުރިބާކާރު ޕްރޮޑިއުސަރު ހުސައިން ނޫރައްދީން ނާސިރު (ނޫރު) ޕްރޮޑިއުސްކުރި ފިލްމެކެވެ.
ބުނީ ކީކޭ؟ - ފިލްމުގެ ޕްރޮޑިއުސަރު ނޫރު ބުނީ ކާމިޔާބު ޝޯތަކަކަށް ފަހު އެ ފިލްމުގެ ވަދާއީ ޝޯތައް މިރެއިން ފެށިގެން ދައްކަމުން އަންނާނެ ކަމަށެވެ. އެއީ މިރެ އާއި ހަފްތާ ބަންދުގެ ދެ ރޭގައި އަޅުވާ ޝޯތަކެވެ.
ނޫރު ބުނީ މީގެ ކުރިން އެޅުވި ޝޯތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުއިރު ވަދާއީ ޝޯތަކުގެ ޓިކެޓުތަކަށް ވެސް ބާރުބޮޑުވެފައިވާ ކަމަށެވެ.
"ވަދާއީ ޝޯތަކުގެ ޓިކެޓު ވެސް ބާރު ސްޕީޑުގައި ވިކެމުން އަންނަނީ. އަދި ފުރުސަތު އެބަހުރި،" ނޫރު ބުންޏެވެ.
'އަބަދަށް'ގެ ޓިކެޓު އޮލިމްޕަހަށް ޒިޔާރަތްކޮށްގެން ނުވަތަ 7447555 ނަންބަރަށް ގުޅައިގެން ގަނެވޭނެ އެވެ. ޓިކެޓެއްގެ އަގަކީ 150ރ. އެވެ.
ފިލްމުގެ ކާސްޓުން:
ވާޝިޔާ މުހައްމަދު
އަހްމަދު ޝާރިފް
ޔޫސުފް ޝަފީއު (ޔޫއްޕެ)
އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)
ސޫޒަން އިބްރާހިމް ފުޅު
ނޫރު މީގެ ކުރިން ބުނެފައިވަނީ 'އަބަދަށް' ވެގެންދާނީ އަނެއްކާވެސް ގައުމު ހޭލައްވާލާ ވަރުގެ ޕްލޮޓަކަށް ކަމަށެވެ.
"މި ޕްލޮޓަށް ބަލާއިރު މިއީ ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމެއްގައި މައްޗަށް ހެދޭ ފިލްމެއް. މި ފިލްމަކީ އާންމުންގެ ގިނަ ބަޔަކަށް ދިމާވެފައި ނޫނިއްޔާ އާންމުންގެ ގިނަ ބަޔަކަށް ބޭނުންވެފައި ހުރި ކަންތައްތަކެއް ނޫނިއްޔާ ބަލައިލަން ބޭނުންވެފައި ހުރި ކަންތަކެއް އެކުލެވިގެންވާ ފިލްމެއް،" ފިލްމު ތަފާތު ވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ނޫރު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ