ރައީސް މައުމޫން ދާދީފަހުން އިންޑިއާއަށް ކުރެއްވެވި ދަތުރުފުޅެއްގައި އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ ޖީއެމްއާރުން ރަނގަޅު ޕްރޮޕޯސަލް އެއް ހުށަހަޅައިފިނަމަ އެއާޕޯޓް އަނބުރާ ޖީއެމްއާރު ކުންފުނިއަށް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިކަމަށް ބުނެފައި ވީނަމަވެސް އެފަދަ ވާހަކައެއް ވިދާޅުވެފައި ނުވާނެކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މެލޭޝިއާއަށް ކުރެއްވެވި އަމިއްލަ ދަތުރުފުޅެއް ނިއްމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވައެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވައިގެން ރައީސް މައުމޫން ވިދާޅުވީ ''އަޅުގަނޑު އެކަހަލަ އެއްޗެއް ނުބުނަން. އެނގިވަޑައިގަންނަވާނެ އިންޓަވިއު ތަކުގައި ދެކެވޭ ވާހަކަ އެކި ނޫހުން ޖަހާނީ އެކިގޮތަށް. އަޅުގަނޑު އެއްވެސް ހާލެއްގައި ނުބުނަން ޕީޕީއެމްގެ ވެރިކަމެއްގައި ޖީއެމްއާރަށް އެއާޕޯޓް ދޭނަމެކޭ. އެކަހަލަ ވާހަކަ އެއް ނުދައްކަން،'' ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ދަންނަވަނީ ޕީޕީއެމް އަކީ ކުރާ އެގްރީމެންޓް ތަކަށް ކަމޭހިތާ ބައެއް ކަމަށާއި ބޭރުގެ އިންވެސްޓަރުންނާއި އެކީގައި އެގްރިމެންޓެއް ކޮށްފިނަމަ ރާއްޖޭގެ ގާނޫނުތަންދޭ ގޮތެއްގެ މަތިން އަދި ދިވެހި ރައްޔިތުންނަށް ގެއްލުންނުވާ ގޮތެއްގެ މަތިން އެއެގްރިމެންޓެއް ހިމާޔަތްކޮށް ދޭނެ ކަމަށް ދެންނެވި ކަމަށެވެ.
''އިންޑިއާގެ ވަކި ބަޔަކަށް ކަމެއް ކޮށްދޭނަމެކޭ ބުނީކީ ނޫން. އަޅުގަނޑުމެންނަކީ ތަރައްޤީވާން ބޭނުން ގައުމެއް. ވަރަށް ބޮޑަށް ބޭރުގެ އިންވެސްޓަރުންނަށް ބޭނުންވެފައިވާ ގައުމެއް. އިންވެސްޓް ހިމާޔަތް ކުރުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުރަމުންދާ ކަމެއް. އެހެންވީމަ އަޅުގަނޑު އެގޮތަށް ވާހަކަދެއްކީ. އެއްވެސް ހާލެއްގަ ޖީއެމްއާރަށް މިވެނި ކަމެއް ކޮށްދޭނަމެކޭ ނުބުނަން،'' ރައީސް މައުމޫން ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރާއި ވާހަކަދައްކައިގެން ޖީއެމްއާރު މައްސަލަ ހައްލުކުރަން ސަރުކާރަށް ލަފާއެރުވިންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް މައުމޫން ވިދާޅުވީ ޖީއެމްއާރު މައްސަލައިގައި ޕީޕީއެމްއިން ސަރުކާރަށް ދެކަމެއް ހުށަހެޅި ކަމަށެވެ.
އެއީ ޖީއެމްއާރާއި އެކު ސަރުކާރުންވެފައިވާ އެއްބަސްވުން އުވާލުމަށާއި އިންޑިއާ ސަރުކާރަށް ދިވެހި ސަރުކާރުން އެކަމުގައި ދެކޭގޮތް އަންގާދީ އެގްރިމެންޓް އުވާލުމުން ދެގައުމުގެ ގުޅުމަށް ބުރުލެއް ނާރާނެ ފަދަ ގޮތެއްގެ މަތިން އެކަން ކުރެއްވުމަށް ކަމަށެވެ.
އެއްބަސްވުން އުވާލުމަށް ލަފާދެއްވީ އެންމެ ފުރަތަމަ އެގުރީމެންޓް ކުރެވުނު ގޮތުން އޭރުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އެކަމުގެ ހަގީގަތް އަންގަވާފައި ނުވާތީ އާއި ރައްޔިތުންނަށް ވެސް އެގްރީމެންޓްގެ ކަންކަން ނޭންގޭތީ އާއި އެތައް ބަޔަކަށް ވަރަށް ގިނަ ދަތިތައް ދިމާވަމުން ދާތީ ރައްޔިތުންނަށް ރަނގަޅު އެގްރީމެންޓެއް ކަމަށް ނުފެންނާތީ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ޖީއެމްއާރު އެއްބަސްވުން އުވާލުމުގެ ކުރިން މަޝްވަރާކުރައްވަން ލަފާނުދޭކަމަށް ރައީސް ވަޙީދު ވިދާޅުވެފައި ވާތީ ރައީސް މައުމޫން ވިދާޅުވީ އެކަމާއި ބެހޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަން ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށާއި "ސެޕްޓެމްބަރ މަހުގެ ވިހި ވަނަ ދުވަހު ޕީޕީއެމްއިން ފޮނުވި ރަސްމީ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެ." ކަމަށެވެ.
އިންޑިއާ ދަތުރުފުޅާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އަކީ އިންޑިއާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށް އިންޑިއާ ސަރުކާރަށް ދެންނެވި ކަމަށެވެ. އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ ހިދުމަތް ތަކެއް ކޮށްދީފައިވާ ގައުމެއް ކަމަށާއި އެގުޅުން ޕީޕީއެމްގެ ސަރުކާރަކާއި އެކުވެސް އޮތުމަށް އެދިވަޑައިގަންނަވާކަމަށެވެ.
ޖީއެމްއާރަށް އެއާޕޯޓް ދޭނަމެކޭ ނުބުނަން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ