އަރަބިއްޔާސްކޫލްގައި ފުރަތަމަފަހަރަށް އެސެމްބްލީގައި ސްކޫލް ލަވަ ކިޔަންފަށައިފި

އަރަބި މީޑިއަމްއަށް ކިޔަވައިދެމުން އަންނަ އަރަބިއްޔާ ސްކޫލްގައި ފުރަތަމަ ފަހަރަށް އެސެމްބަލީގައި ސްކޫލު ލަވަ ކިޔައިފިއެވެ.
އަރަބި އިސްލާމީ ތަޢުލީމު ދިނުމަށް ޚާއްސަ ޢަރަބިއްޔާއަށް 25 އަހަރު ވީއިރުވެސް މީގެ ކުރިން އެސްމްބްލީގައި ސްކޫލް ލަވަ ކިޔާފައިނުވާއިރު، މިއަދު އެ ސްކޫލްގެ އެސެމްބްލީގައި ދިވެހި ބަހުން ހަދާފައިވާ "ސްކޫލްގެ ލަވަ" ވަނީ ކިޔައިފައެވެ. އެއްވެސް ވަރަކަށް މިއުޒިކް ނުހިމެނޭ މި ލަވައިގެ ޅެން ހަދާފައިވަނީ ސްކޫލުގެ ތަސައްވުރާއި ލަނޑުދަނޑިތަކާއި ދަރިވަރުންގެ ޝުއޫރުތައް ހިމަނައިގެންނެވެ.
އަރަބިއްޔާ ސްކޫލުގެ އެސެމްބްލީގައި މީގެ ކުރިން ލަވަ ކިޔާފައިނުވި ނަމަވެސް ބައެއް ހަފުލާތަކުގައި ކިޔަން ވަކި ހާއްސަ ލަވައެއް މީގެކުރިންވެސް އޮވެއެވެ.
އަރަބިއްޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ ޟޯމިރު ވިދާޅުވީ އެ ސްކޫލްގެ އެސެމްބްލީގައި ލަވަ ކިޔާގޮތަށް ހަމަޖެއްސީ އެޑިއުކޭޝަން މިނިސްޓްރީ އިން ކަމަށާއި، މި ލަވައަކީ އާއްމުކޮށް ސްކޫލުތަކުގައި މިކިޔާ ލަވަތަކާއި ޚިލާފަށް ހަމައެކަނި ކުދިންގެ ޝުއޫރުތަކާއި ސްކޫލުގެ މިޝަންތައް އަންގައިދިނުމަށް ހަދާފައިވާ ޅެން ބައިތުތަކެއްކަމަށެވެ.
މީގެ ކުރިން އަރަބިއްޔާ ސްކޫލްގެ އެއްވެސް ރަސްމިއްޔާތެއްގައި ޤައުމީ ސަލާމްވެސް ކިޔާފައެއް ނުވެއެވެ. އެހެންނަމަވެސް ކުދިންގެ ހިތްތަކުގައި ޤައުމީ ޝުޢޫރު އަށަގެންނެވުމަށް ކުރިއަށް އޮތްތަނުގައި އެ ސްކޫލްގެ އެކި ހަފްލާތަކުގައި ޤައުމީ ލަވަ ކިޔާނެކަމަށް އެ ސްކޫލުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ