މައުމޫން ޕީޕީއެމްގެ ބައެއް އާންމު މެންބަރުންނާއި ބައްދަލްކޮށްފި

ކުރިން އާންމުކޮށް އިއުލާންކުރުމަކާއި ނުލައި ޕީޕީއެމްގެ ބައެއް އާންމު މެންބަރުންނާއި އެޕާޓީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ބައްދަލްކުރައްވައިފިއެވެ.
ރައީސް މައުމޫން ޕީޕީއެމްގެ ބައެއް އާންމު މެންބަރުންނާއި ބައްދަލްކުރައްވާފައިމިވަނީ މީގެ ކުރިން އެމަނިކްފާނު ބާއްވަވަން މަސައްކަތްކުރެއްވި ދެ ބައްދަލްވުމަކަށް ފުލުހުން ހުރަސްއަޅާފައިވަނިކޮށެވެ.
ރޭ ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ބޭއްވި މި ބައްދަލްވުމާއި ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ ރޭ އެޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުނާއި ބައްދަލްކުރައްވާފައިވާކަމަށެވެ. އަދި އެ މެންބަރުން ޕީޕީއެެމްއާއިމެދު ދެކޭގޮތް ހާމަކޮށްފައިވާކަމަށާ ޕާޓީގެ މިހާރުގެ ހާލަތާއިމެދު އެ މެންބަރުން ވާހަކަދައްކާފައިވާކަމަށެވެ.
މި ބައްދަލްވުމުގައި މަޖިލީހުގެ ބައެއް މެންބަރުންނާއި، ކުރީގެ ބައެއް ވަޒީރުންނާއި، ޕީޕީއެމްގެ ކައުންސިލް މެންބަރުންނާއި، ބައެއް އާންމުން ވަނީ ބައިވެރިވެފައެވެ.
ކުރިން އާންމުކޮށް އިއުލާންކުރުމަކާއި ނުލައި ޕީޕީއެމްގެ ބައެއް އާންމު މެންބަރުންނާއި ރައީސް މައުމޫން ބައްދަލްކުރައްވާފައިވާއިރު، މިމަހުގެ 18 ވަނަ ދުވަހުގެރޭ ބާއްވަން އުޅުނު ބައްދަލްވުން ނުބޭއްވޭނެކަމަށް ފުލުހުންގެ އޮފިސަރުންތަކެއް ވަނީ ރައީސް މައުމޫނަށް އަންގާފައެވެ.
އެރޭގެ ބައްދަލްވުން ރައީސް މައުމޫން ފަހުން ކެންސަލްކުރެއްވީ ފުލުހުންނާއި ޕީޕީއެމްގެ އާންމު މެންބަރުންނާއި ދެމެެދު އެއްވެސް ހަމަނުޖެހުމެއް ހިނގަން ފުރުސަތު ދެއްވުމަށް ބޭނުންނުވާތީކަމަށް އެމަނިކްފާނުގެ ފެކްޝަނުން ވަނީ ހާމަކޮށްފައެވެ.
ޕީޕީއެމްގެ އާންމު މެމްބަރުންނާ ބައްދަލުކުރެއްވުމަށް ރައީސް މައުމޫން ބާއްވަވަން މަސައްކަތް ކުރެއްވި ބައްދަލްވުމަށް ހުރަސްއެޅި މައްސަލަ އެމަނިކްފާނު ވަނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި، ހިއުމަންރައިޓްސް ކޮމިޝަންގެ އިތުރަށް ފުލުހުންގެ އިދާރާއަށްވެސް ހުށައަޅާފައެވެ.
އެ މުއައްސަސާތަކަށް ރައީސް މައުމޫން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ މެންބަރުނާއި ބައްދަލްކުރެއްވުމަށް އެމަނިކުފާނުގެ އޮފީސް ހިންގަވަމުން ގެންދަވާ ހ ތެމާގައި ބާއްވަން މަސައްކަތްކުރި ބައްދަލްވުމަށް ފުލުހުން ހުރަސްއަޅާފައިވާކަމަށެވެ. މިކަހަލަ ބައްދަލްވުމަކަށް ފުލުހުންނަށް ހުރަސް ނޭޅޭނެކަމަށާ އެހެންކަމުން އެ މައްސަލަ ބައްލަވައިދެއްވުމަށް އެދޭ ކަމަށް އެސިޓީތަކުގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫންގެ އޮފީހުގައި ބާއްވަވަން މަސައްކަތް ކުރި ބައްދަލްވުމަށް ފުލުހުންގެ އޮފިސަރުންތަކެއް ހުރަސްއެޅި މައްސަލައާއި ގުޅިގެން ގާނޫނީ ދާއިރާގެ ބޭފުޅުންވެސް ވަނީ އެކަމާއި ސުވާލް އުފައްދަވާފައެވެ. އެގޮތުން އެފަދަ ބައްދަލްވުމެއް ނުބޭއްވޭނެކަމަށް އެންގުމުގެ ބާރު ފުލުހުންގެ އޮފިސަރުންތަކަކަށް ލިބިގެންވަނީ ކިހިނެތްތޯ އެ ބޭފުޅުން ވަނީ ސުވާލް އުފައްދަވާފައެވެ.
ރައީސް މައުމޫންވެސް ވިދާޅުވީ ކުރިން އެންގުމަކާއި ނުލައި އެއްވެ އުޅުމާއި ހިޔާލް ފާޅުކުރުމަކީ ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގެއްކަމަށާ އެހެންކަމުން އެ ހައްގަށް އެއްވެސް ފަރާތަކަށް އަރައިނުގަނެވޭނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ