ނައިބު ރައީސް ކަމަށް އަދީބު ގެންނަން ދެކޮޅު ކަމަށް ފެތުރޭ ވާހަކައަކީ ދޮގެއް - މައުމޫން

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގެނައުމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވާ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރަމުން އަންނަ ހަބަރުތައް އެމަނިކުފާނު ދޮގުކުރައްވައިފިއެވެ.
ރާއްޖޭގައި ހިންގަމުން އަންނަ އޮންލައިން ނޫހެއް ކަމަށްވާ "ސަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ އެއްވެސް ބޭފުޅަކު ނާއިބު ރައީސަކަށް ގެންނަވަން ބޭނުންފުޅުވާކަން ހާމަކުރައްވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް އެސްއެމްއެސްއެއް ފޮނުއްވާފައި ނުވާނެ ކަމަށެވެ.
އަދި އެއްވެސް ބޭފުޅަކު ނައިބު ރައީސް ކަމަށް ގެންނަން ބޭނުންފުޅު ނުވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީންއަށް އެސްއެމްއެސްއެއް ކުރައްވާފައި ނުވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
"އެއްވެސް ބޭފުޅަކު ނާއިބު ރައީސަކަށް ގެންނަވަން، ނުވަތަ ނުގެންނަވަން އެދި އަޅުގަނޑު ރައީސް އަށް އެސްއެމްއެސްއެއް ފޮނުވާފައެއް ނޯންނާނެ" މައުމޫން ސަން އޮންލައިންއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި މިހާރު ހުންނެވި ޑރ.މުހައްމަދު ޖަމީލް އަހުމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި، ފާސްކުރުމަށްފަހު އެމަގާމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގެނައުމަށްޓަކައި ޒުވާނުންތަކެއް އިސް ނަގައިގެން ކެމްޕެއިންތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.
ނައިބު ރައީސް ކަމުގެ މަގާމު ހުސްވެއްޖެ ނަމަ، ދެން އެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅެއް ކަނޑައަޅުއްވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއެވެ. ނަމަވެސް މިހާތަނަށް އައިއިރު، ނައިބު ރައީސް ކަމަށް ގެންނަވަން ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅަކާއި ބެހޭ ގޮތުން ރައީސް ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.
ނަމަވެސް، ޕީޕީއެމް އާއި އެމްޑީއޭގެ މެންބަރުން ވެސް ނައިބު ރައީސްއަކަށް އަދީބު ގެންނެވުމަށް ތާއީދުކުރައްވައެވެ.
ނައިބު ރައީސް ޖަމީލްގެ އިތުބާރު ނެތްކަމުގެ ވޯޓު އަންނަ ހަފުތާގައި ނެގުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ އެމަނިކުފާނުގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ ވޯޓާއި ގުޅިގެން މަޖިލީހުން ފޮނުވަން ޖެހޭ ނޯޓިސް ހަމަވެފައިވާތީއެވެ. އަދި އީދު ބަންދަށް ފަހު މެދުކަނޑާލާފައިވާ މަޖިލިސް ޖަލްސާތައް ފަށާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
އަދީބު ނައިބު ރައީސްގެ މަގާމަށް ގެންނަން އުޅޭކަމުގެ އަޑުތައް ފެތުރުނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ވާދަ ކުރެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމާއި ގުޅިގެންނެވެ. އަދީބުގެ މިހާރުގެ އުމުރުފުރަކީ 34 އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ