މައުމޫން ފައުންޑޭޝަނުން އިތުރު 10 ދަރިވަރަކަށް ސްކޮލަޝިޕް ދީފި

އިންޑިއާގެ ބެންގަލޫރުގެ ގާޑަން ސިޓީ ކޮލެޖުގައި އެކި ރޮނގުތަކުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު 10 ދަރިވަރަކަށް މައުމޫން ފައުންޑޭޝަނުން ރޭ ދީފި އެވެ. ޒުވާނުންނަށް މަތީ ތައުލީމް ދިނުމަށް 2010 ގައި އުފައްދާފައިވާ މައުމޫން ފައުންޑޭޝަނުން މި އަހަރަށް ހުޅުވާލި ސްކޮލަޝިޕްތަކަށް ޝަރުތު ހަމަވެ އެންމެ މަތިން ޕޮއިންޓް ލިބުނު ދަރިވަރުނާ ސްކޮލަޝިޕްތައް ހަވާލުކޮށްފައި ވަނީ ރޭ ބޭއްވި އެ ފައުންޑޭޝަންގެ ދެ ވަނަ އަހަރީ ޖަލްސާގަ އެވެ. ޝީ ބިލްޑިންގުގައި ބޭއްވި އެ ޖަލްސާގައި ކުރީގެ ރައީސް އަދި އެ ފައުންޑޭޝަންގެ ޗެއާމަން އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި އަހަރު ސްކޮލަޝިޕް ލިބިފައި ވަނީ ސ. ހިތަދޫ، ފޯމޫންސް، އައިޝަތު ޝަމާ އާއި ގދ. ގައްދޫ، ވިލިނގިލީގެ، މަރިޔަމް އަނީސް އާއި ކ. ގުރައިދޫ، ސޯފިޔާ، އައިމިނަތު ޝާހިޔާ އާއި ހދ. ނައިވާދޫ، ނައިވާދޮށުގޭ، އައިޝަތު ނަޝީދާ އާއި ސ. ހިތަދޫ، އެކަތަގޭ، އާމިނަތު ޝަމާ އާއި ހުޅުމާލެ ދޮޅަސް، މަރިޔަމް ޝަހާ ޝަކީބާއި ޅ. ހިންނަވަރު، މާރަނގަ، އައިޝަތު ހަނާ އަލީ އާއި ފުވައްމުލަކު ދޫޑިގަމު، ރާޑޯ، އިބްރާހިމް ސަމީން ހަސަން އާއި ވ. ދިވެތި، މުހައްމަދު ނަވާފް ޖިހާދާއި، ޅ. ހިންނަވަރު އަތިރީގެ، އަލީ އިހްސާން އަށެވެ. އެ ފައުންޑޭޝަނަށް ހެޔޮއެދޭ މީހުންނާއި އެހީދެމުން އަންނަ ފަރާތްތަކަށް އެ ޖަލްސާގައި މައުމޫން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. މައުމޫން ވިދާޅުވީ މި އަހަރުގެ ސްކޮލަޝިޕްތަކަށް ހޮވުނު ކުދިންނަކީ ވެސް މޮޅު ކުދިންތަކެއް ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ކިޔަވުން ފުރިހަމަކުރުމަށް ފަހު ގައުމަށް ހިދުމަތްކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. މައުމޫން ވިދާޅުވީ ދަރިވަރުންނަށް ސްކޮލަޝިޕް ހޯދައިދިނުމުގެ އިތުރުން އެ ފައުންޑޭޝަނުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ މަސައްކަތްކަން ފާހަގަކުރައްވައި ވިދާޅުވީ ދިގު މުއްދަތަކަށް ގައުމަށް ފައިދާވާނެ ކަމަކީ ހަރުދަނާ އުސޫލްތަކެއް އަށަގަންނަ ތައުލީމެއް ގާއިމްކޮށްދިނުން ކަމަށެވެ. "ދިވެހި ރާއްޖެ މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީތައް ހޯދާފައި މިވަނީ ވެސް މި ދެންނެވި ފަދަ ހަރުދަނާ ތައުލީމެއް ދިވެހި ރައްޔިތުންގެ ވަރަށް ގިނަ ބައަކަށް ލިބިފައިވާތީ،" މައުމޫން ވިދާޅުވި އެވެ. މައުމޫން ފައުންޑޭޝަނުގެ ހަރަދުގައި މިދިޔަ އަހަރު ބެންގަލޫރަށް 12 ކުދިން ފޮނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ