ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވޭތޯ ޔަގީންކޮށްދޭން ވަކީލުން އެދިއްޖެ
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފް ހައި ކޯޓުން ބަލައިނުގަތުމަށް ނިންމި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވޭތޯ ޔަގީންކޮށްދިނުމަށް ނަޝީދުގެ ވަކީލުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހްތާޒް މުހްސިން އަރިހުން މިއަދު އެދިވަޑައިގެންފި އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދަށް އިއްވި 13 އަހަރުގެ ހުކުމް ޕީޖީ އޮފީހުން އިސްތިއުނާފްކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ވަނީ ނިންމައިފަ އެވެ. އެ ނިންމުން ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް ޕީޖީ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނި ނަމަވެސް އެ ކޯޓުން މައްސަލަ ބަލައިގެންފައިވާކަން ނުވަތަ ނޫން ކަން މިއަދާ ހަމައަށް ވެސް އެނގިފައި ނުވާ ކަމަށެވެ. މައްސަލައެއް ޝަރީއަތަށް ހުށަހެޅުނީ ކަމަށް ބަލާނީ ކޯޓުން އެ މައްސަލަ ބަލައިގަތުމުން ކަން ސިޓީގައި ހަސަން ފާހަގަކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ މައްސަލަ މިހާރު ވަނީ "ޝަރީއަތުގައި" ކަމަށް ބުނެ ދައުލަތުގެ އެކި ފަރާތްތަކުން ގެންދަނީ އަމިއްލަ ސިޔާސީ މަސްލަހަތު ހިމާޔަތްކޮށް، ސިޔާސީ މަގްސަދު ހާސިލްކުރަން ނާޖާއިޒު ފައިދާ ހޯދަމުން ކަމަށެވެ. ނަޝީދުގެ މައްސަލާގައި ސާފުކޮށްދޭން އެދުނު ކަންކަން ސުޕްރީމް ކޯޓުން މައްސަލަ ބަލައިގެންފައިވާ ކަން ނުވަތަ ނޫން ކަންމައްސަލަ ބަލައިގެންފައިވާ ނަމަ އެ ތާރީހެއްމައްސަލައިގެ އަޑުއެހުމެއް ތާވަލްކޮށްފައިވާ ނަމަ އެކަން އަދި އަޑުއެހެން ތާވަލްކޮށްފައިވާ ނަމަ ތާރީހާއި ގަޑިސުޕްރީމް ކޯޓުން މައްސަލަ ބަލައިނުގަންނަން ނިންމައި އެކަން އަންގާފައިވާ ކަން ނުވަތަ ނޫން ކަން، އަދި ބަލައިނުގަންނަން ނިންމައި އެކަން އަންގާފައިވާ ނަމަ އެ ތާރީހެއްހަސަން ވިދާޅުވި ގޮތުގައި އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަޝިދާ ގުޅޭ މައްސަލައެއްގައި ވެސް ބަހުސް ނުކުރެވޭނެ ކަމަށް މަޖިލީހުން ނިންމާފައި ވަނީ އެ މައްސަލަ "ޝަރީއަތުގައިވާ" ކަަމަށް ޕީޖީ ވިދާޅުވެފައިވާ ކަމަށް ބުނެ އެވެ. "މީގެ އިތުރުން ދިވެހި ސަރުކާރުން ވެސް ރާއްޖެ އިން ބޭރުގެ އެކި ފަރާތްތަކުގައި ބުނަމުންދަނީ އެ މައްސަލަ މިހާރު ވަނީ ޝަރީއަތުގައި ކަމަށެވެ،" ހަސަންގެ ސިޓީގައިވެ އެވެ. ނަޝީދުގެ މައްޗަށް އިއްވި ހުކުމާ ގުޅޭގޮތުން އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމާފައި ވަނީ އެއީ ގާނޫނާ ހިލާފު ހުކުމެއް ކަމަށެވެ. އަދި ނަޝީދު ވަގުތުން ދޫކޮށްލަން އެ ގްރޫޕުން ވަނީ ގޮވާލައިފަ އެވެ. ނަމަވެސް އެ ނިންމުން ސަރުކާރުން ބަލައެއް ނުގަނެ އެވެ. ސަރުކާރުން ބުނެފައި ވަނީ ނަޝީދު މައްސަލާގައި އަމަލުކުރާނީ ސުޕްރީމް ކޯޓުން ނިންމާ ގޮތަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ