ނާޒިމްގެ ވަކީލުކަން އާޒިމާ ދޫކޮށްލައްވައިފި، މިހާރު ނާޒިމްގެ ވަކީލަކީ މައުމޫން ހަމީދު

މި މަހުގެ 20 ގައި ޑިފެންސް މިނިސްޓަރުކަމުން ވަކިކުރެއްވި މުހައްމަދު ނާޒިމްގެ ގާނޫނީ ވަކީލުކަމުން އައިޝަތު އާޒިމާ ޝަކޫރު ވަކިވެވަޑައިގެންފި އެވެ. އޭނާ މިއަދު "ހަވީރަ"ށް ވިދާުޅުވި ގޮތުގައި ނާޒިމްގެ ދިފާއީ ވަކީލުކަން ދޫކޮށްލެއްވީ އަމިއްލަ ސަބަބުތަކަށްޓަކަ އެވެ. އެކަމަކު އެ ސަބަބުތަކެއް އޭނާ ވިދާޅެއް ނުވެ އެވެ. އާޒިމާ ވިދާޅުވީ ނާޒިމްގެ ވަކީލުކަމުން އޭނާ ދުރަށް ވަޑައިގަތުމުން ދެން އެކަން ކުރައްވާނީ ޕްރިމިއާ ޗެމްބާސްގެ ވަކީލު މައުމޫން ހަމީދު ކަމަށެވެ. ކުރީގެ ރައީސް މައުމޫނާއި ރައީސް ވަހީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލްކަން ވެސް ކުރެއްވި އާޒިމާ، ނޮވެމްބަރު 2013 ގައި ވަހީދުގެ ސަރުކާރު ބަދަލުވި ފަހުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައެއް ނުގަންނަވަ އެވެ. ޑިފެންސް މިނިސްޓަރުކަމުން ނާޒިމް ވަކިކުރެއްވީ، އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓަށް ކޯޓް އަމުރެއްގެ ދަށުން މިދިޔަ ހަފުތާގައި ފުލުހުން ވަދެ ފާސްކުރިއިރު ހަތިޔާރު ފެނުނު މައްސަލާގައި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެކަމަކު އެ ހަތިޔާރާ ގުޅޭ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް ބޭއްވި ހަމައެކަނި ނިއުސް ކޮންފަރެންސްގައި ބުނެފައި ވަނީ ނާޒިމްގެ އެޕާޓްމަންޓުން ނުރައްކާތެރި ހަތިޔާރު ފެނިފައިވާ މައްސަލަ ވަރަށް ފުޅާދާއިރާއެއްގައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނާޒިމްގެ ވަކީލުންގެ ޓީމުން ބުނެފައި ވަނީ ނާޒިމްގެ އަނބިކަނބަލުންގެ ގޭގެ އެޕާޓްމަންޓުން ފެނުނު ކަމަށް ފުލުހުން ބުނާ ހަތިޔާރު ފަދަ ތަކެއްޗަކީ ނާޒިމް އަދި އޭނާގެ އާއިލާގެ އެއްވެސް ބޭފުޅަކާ ގުޅުން ހުރި ތަކެތި ނޫން ކަމަށެވެ. އަދި "ފުލުހުން ހޯދި ކަމަށް ބުނާ ތަކެއްޗަކީ" ކާކުގެ އެއްޗެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ގާނޫނީ ވަކީލުން މެދުވެރިކޮށް ނާޒިމް ވިދާޅުވެ އެވެ. ވަކީލުން ވިދާޅުވާ ގޮތުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނާޒިމް ނުކުރައްވަ އެވެ. ނާޒިމްގެ އެޕާޓްމަންޓުން ހަތިޔާރު ފެނުނު މައްސަލާގައި އޭނާގެ ޕާސްޕޯޓް ވެސް ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހިފަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ