އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ޕީޖީ އާއި ދެ ފަނޑިޔާރަކު ބަޔާން ދެއްވި: ނަޝީދު ވަކީލުން
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގެ ތަހްގީގަށް، އެ މައްސަލަ މިހާރު ބައްލަވާ ކްރިމިނަލް ކޯޓުގެ ދެ ފަނޑިޔާރަކާއި ކްރިމިނަލް ކޯޓުގައި އޭރު ފަނޑިޔާރަކަށް ހުންނެވި މިހާރުގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒު މުހްސިން ބަޔާން ދެއްވާފައިވާ ކަމަށް، މި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް ނަޝީދުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ. ނަޝީދުގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި ނަޝީދުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން ތަހްގީގުގައި ބަޔާން ދެއްވާފައިވަނީ ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ އަބްދުލްބާރީ ޔޫސުފް ކަމަށެވެ. އެ ދެ ބޭފުޅުންގެ ނަން ހެކީންގެ ގޮތުގައި ޝަރީއަތަށް ހުށަހަޅުއްވަން ގަސްދުކުރައްވާ ކަމަށް ވެސް ނަޝީދުގެ ވަކީލުން ވިދާޅުވެފައިވެ އެވެ. އެހެންވެ އެ ބޭފުޅުން މައްސަލަ ބެއްލެވުމުން ތަނާޒުލްވެވަޑައިގަތުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ. ދެ ފަނޑިޔާރުންނާއި މުހްތާޒު ތަހްގީގަށް ދެއްވި ބަޔާންތައް، ނަޝީދުގެ މައްސަލާގައި ޝަރީއަތަށް ހުށަހެޅި ލިޔުންތަކުގައި ހިމެނޭ ކަމަށް ވެސް ނަޝީދުގެ ވަކީލުން ވިދާޅުވި އެވެ. "ބައިނަލްއަގްވާމީ ހަމަތަކާއި އިސްލާމީ ޝަރީއަތުގެ އުސޫލުތަކަށް ބަލައި ހެކިބަސް ދޭ ފަރާތަށް މައްސަލަ ފައިސަލާ ކުރުމުގެ ބާރާއި އިހްތިޔާރު ލިބިގެން ނުވާ ކަމުގައި ވެސް ދަންނަވަމެވެ." ބަޔާނުގައިވެ އެވެ. "އެހެންކަމުން ޕްރޮސިކިއުޓަ ޖެނެރެލަށް މި މައްސަލަ ހުށަހަޅުއްވައި ކްރިމިނަލް ކޯޓުން މައްސަލަ ބަލައިގަތުމަކީ ސީދާ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ކަމުގައި ދެކެމެވެ." ނަޝީދުގެ ދައުވާ މިހާރުން މިހާރަށް އަނބުރާ ގެންދަވައި، ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ގޮތަށް ކޯޓުތަކުން އަދި ޕްރޮސެކިއުޓަ ޖެނެރެލް މަސައްކަތް ކުރެއްވުމަށް ނަޝީދުގެ ވަކީލުން ގޮވާލަ އެވެ. ޓެރަރިޒަމް ދައުވާކޮށް، ނަޝީދު ހައްޔަރުކުރުމާ ގުޅިގެން އެތެރޭގެ ޕްރެޝަރާއި ބޭރުގެ ޕްރެޝަރު ދަނީ ބޮޑުވަމުންނެވެ. އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި ކޮންމެ ރެޔަކު މާލޭގައި ދަނީ މުޒާހަރާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ