ބިދޭސީ އިންވެސްޓަރުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭގޮތަށް ހެދުމުން ދެރަ ގޮތްތަކެއް މެދުވެރިވެދާނެ: މައުމޫން

ދިވެހިރާއްޖޭގެ ބިން މިލްކުކުރުމުގެ ހައްގު ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ އޭގެ ސަބަބުން ރާއްޖެ އާއި ރައްޔިތުންނަށް ދެރަ ގޮތްތަކެއް މެދުވެރިވެދާނެ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. ބިދޭސީ އިންވެސްޓަރުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެންނަން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީނަށް މައުމޫން ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، ރާއްޖޭގެ ބިމަކީ ހަމައެކަނި މިވަގުތު ދިރިތިބި ދިވެހި ރައްޔިތުންގެ ހައްގެއް ނޫން ކަމަށެވެ. އެއީ އަންނަން އޮތް ޖީލުތަކެއްގެ ހައްގެއްކަން ފާހަގަކުރައްވައި ވިދާޅުވީ ރާއްޖޭގެ ބިމުން ކިތަންމެ ކުޑަ ތަންކޮޅެއް ވިޔަސް މިލްކުކުރުމުގެ ހައްގު ބޭރުގެ އެއްވެސް ފަރާތަކަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން ދީފައި ނުވާ ކަމަށެވެ. އެއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި މުއްސަނދިކަމަށް ނުފޫޒު ފޯރުވުމުގެ ބާރު ބޭރުގެ އެއްވެސް ފަރާތަކަށް ދޫކޮށްނުލެއްވުމުގެ ގޮތުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. "..ދިވެހިރާއްޖޭގެ މުސްތަގުބަލަށާއި އަންނަން އޮތް ޖީލުތަކަށް އަސަރުކުރާ ފަދަ މި މުހިންމު ބަދަލެއް ގާނޫނުއަސާސީ އަށް ގެނައުމަށް ހުށަހެޅިފައި މިވަނީ އެކަށީގެންވާ ވަރަށް އެއްވެސް ދާއިރާއެއްގައި ބަހުސް ނުކުރެވި އެވެ. އަދި އެއްވެސް ވަރަކަށް ރައްޔިތުންގެ ހިޔާލު ވެސް ނުހޯދި އެވެ،" މައުމޫން ވިދާޅުވި އެވެ. އިސްލާހު މަޖިލީހުން ފާސްވިޔަސް ތަސްދީގުކުރެއްވުމުގެ ކުރިން އެކަމުގައި ރައްޔިތުންގެ ބަހެއް ހޯދަން މައުމޫން ވަނީ ރައީސް ޔާމީން އަރިހުން އެދިވަޑައިގެންފަ އެވެ. ގައުމީ މުހިއްމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއް ނެގުމަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގެންފައިވާ ބާރެއްކަން މައުމޫން ފާހަގަކުރެއްވި އެވެ. "އަޅުގަނޑު ދެކޭގޮތުގައި، މި މައްސަލާގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއް ނަންގަވައި، ރައްޔިތުންގެ އަޣުލަބިއްޔަތު އެދޭ ގޮތަށް މި މައްސަލަ ނިންމެވުމަކީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި މަނިކުފާނުގެ އިއްޒަތާއި ގަދަރު އުފުލިގެންދާނެ ކަމެކެވެ. އަދި އަންނަން އޮތް ޖީލުތަކުގެ ޝުކުރާއި ތައުރީފް މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމެއް މެ އެވެ،" މައުމޫންގެ އޮފީހުން މީޑިއާއަށް އާންމުކުރި ސިޓީފުޅުގައި މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑު މިއަދު އިއްޒަތްތެރި މަނިކުފާނަށް މި ވާހަކަ މި ދަންނަވަނީ، ގައުމަށް ހެޔޮއެދޭ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުންނެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭއިރު އޭގެ ތެރެއިން 30 އަހަރު ދުވަހުގެ މުއްދަތުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރެ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމުގައި ދިމާވި ގޮންޖެހުންތަކާ ކުރިމަތިލައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން ނުހަނު އިހްތިރާމާއި އިހްލާސްތެރިކަމާ އެކުގަ އެވެ،" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި އެ އިސްލާހަކީ ރަނގަޅު އިސްލާހެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދީ ތަރައްގީ އަށް ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތަކުން ނޫނެވެ. ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް އެ ބިމުން ބައެއް މިލްކުކުރެވޭ ގޮތަށް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ގާނޫނުއަސާސީ އިސްލާހްކުރުމަށް ހުށަހެޅުއްވި ބިލްގައި، ގާނޫނުއަސާސީގައި މިހާރު އޮތް 301 ވަނަ މާއްދާގެ ފަހަތަށް، އިތުރު އަށް މާއްދާ ހިމެނޭ ގޮތުން، 15 ވަނަ ބާބު އިތުރު ކުރަން ވެސް ވަނީ ހުށަހަޅާފަ އެވެ. ގާނޫނުއަސާސީގެ 251 ވަނަ މާއްދާ އިން އިސްލާހުކުރާ ބައިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭރުގެ ބަޔަކަށް އެންމެ ދިގު މުއްދަތަކަށް ކުއްޔަށް ނުވަތަ އެނޫން ވެސް ގޮތަކަށް ދެވޭނީ އެންމެ ގިނަވެގެން 99 އަހަރަށް ނަމަވެސް އެ މާއްދާއަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ފްރީހޯލްޑް އުސޫލުން ބިމުގެ މިލްކުވެރިކަމުގެ ހައްގު ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ މައްޗަށް އޮތް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޭގެ ޒާތުގައި ބީވެ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުން ކަމުގައެއް ނުބެލެވޭނެ އެވެ. ބިން މިލްކުކުރެވޭނެ ޝަރުތުތައް ކަނޑައަޅައި، ގާނޫނުއަސާސީ އަށް 15 ވަނަ ބާބު އިތުރުކުރަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ