ކޯޓުން ބަންދުގެ މުއްދަތު ޖެހުމުން މަހްލޫފު ވަނީ ފިލަން މަސައްކަތް ކޮށްފައި: ޕޮލިސް
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު 15 ދުވަސް ވަންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިރޭ އަމުރު ކުރުމުން، ކޯޓުން ނުކުމެވަޑައިގެން އޭނާ ފިލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޯޓުން ނިކުމެވަޑައިގެން މަހުލޫފް ފިލުމަށް މަސައްކަތް ކުރުމުން އޭނާ ހިފެހެއްޓީ އެ ސަރައްދުގައި ތިބި ފުލުހުން ކަމަށެވެ. އޭނާ ފިލުމަށްޓަކައި ދުއްވައިގަތީ، ޖަސްޓިސް ބިލްޑިންގް ކައިރީގައި ހުންނަ ހިލާލީގެއާ ދިމާލަށް ކަމަށާއި އެވަގުތު އެތަނުގައި ތިބި ފުލުހުން މަހުލޫފް ވެހިކަލަށް އެރުވީ ކަމަށް ބަޔާނުގައިވެ އެވެ. "އެ ވަގުތު އަހުމަދު މަހުލޫފުގެ އަނބިކަނބަލުން އެތަނުގައި ތިބި ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި، މަހުލޫފުގެ ގައިގައި ބައްދައި ގަދަ ދައްކަވަން ވަނީ މަސައްކަތް ކުރައްވާފަ އެވެ،" ބަޔާނުގައިވެ އެވެ. ފުލުހުން ބުނި ގޮތުގައި މަހްލޫފާއި އޭނާގެ އަނބިކަނބަލުން "ބައްދައިގަނެގެން ތިއްބާ" އަނބިކަނބަލުން ދުރުކުރަން މަސައްކަތް ކުރި އެއްވެސް ފުލުހަކު، އަންހެނެއްގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ އެވެ. އަދި މަހުލޫފުގެ އަނބިކަނބަލުންނަށް އަނިޔާއެއް ވެސް ނުކުރާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މަހުލޫފު ފިލަން ދުއްވައިގަތް ވަގުތު، އޭނާގެ އަނބިކަނބަލުން ގޮސް މަހުލޫފްގެ ގައިގައި ބައްދައިގަތުމުން، އޭނާ ދުރުކުރުމަށް ފުލުހުން މަސައްކަތްކުރީ އެފަދަ ހާލަތެއްގައި ބޭނުންކުރާ ހުނަރުތަކާއި އުކުޅުތަކާ އެއްގޮތަށް ކަމަށެވެ. އެހެން ނަމަވެސް މަހުލޫފްގެ އަނބިކަނބަލުން ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ، އެސްއޯ ފުލުހަކު އޭނާގެ ބަނޑަށް ފިތާފައިވާ ކަމަށެވެ. އަދި އެ ފުލުސް މީހާ ކަމަށް ބުނާ މީހާގެ ފޮޓޯ ވެސް އޭނާ ވަނީ ޓްވީޓް ކުރައްވައިފަ އެވެ. "ހިފައިގެން ނުވާނެ ތަންތާ ހިފައި، އަތް އަނބުރައި، އިނގިލި ބިންދާލަން އުޅުނު،" މަހުލޫފްގެ އަނބިކަނބަލުން ކުރެއްވި ޓްވީޓެއްގައިވެ އެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާ ތެރެއިން ހައްޔަރުކޮށްފައިވާ މަހުލޫފް، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށް ފުލުހުންގެ މައްޗަށް މިރޭ ކޯޓުން އަމުރުކުރީ، އެއް މަސް ދުވަސް ވަންދެން މުޒާހަރާ އަށް ނުދިއުމަށް ކުރި ޝަރުތު ގަބޫލު ނުކުރެއްވުމުންނެވެ. މުޒާހަރާގެ ތެރެއިން މަހްލޫފު ހައްޔަރުކުރީ ފުލުހުން ޖަހާފައިހުރި ބެރިކޭޑް ފަޅާލައި، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުގެ ތެރެއަށް ވަދުން ކަމަށް ތުހްމަތުކޮށްފަ އެވެ. ތިން ވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އެންމެ ފުރަތަމަ ފަހަރު ފަސް ދުވަސް ވަންދެން ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރި އެވެ. ދެވަނަ ފަހަރަށް ފަސް ދުވަސް ވަންދެން ބެހެއްޓީ ގޭ ބަންދުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ