މައުމޫން ޕީޕީއެމްގެ ރައީސް ކަމުން ވަކިކުރެވޭނީ ގައުމީ ޖަލްސާއިން:ޔުމްނާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމްގެ ރައީސް ކަމުން ދުރުކުރެވޭނީ ހަމައެކަނި އެޕާޓީގެ ގައުމީ ޖަލްސާ އިން ފާސްކޮށްގެން ކަމަށް އެ މަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން މައުމޫން ދުކުރަން އެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ކޯޓު އަމުރަކަށް އެދިވަޑައިގަތުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރުގެ ކުރީގެ ނައިބު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫން ޕީޕީއެމްގެ ރައީސް ކަމުން ވަކިކުރެވޭނީ ގައުމީ ޖަލްސާގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށެވެ. އެހެން ގޮތަކަށް އެމަގާމުން ރައީސް މައުމޫން ވަކި ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ މައުމޫން ރައީސް ކަމުން އެކަހެރިކުރަން ޕީޕީއެމްގެ ކައުންސިލްގެ މައްޗަށް އަމުރު ކުރުމަށް އެދިވަޑައިގެންފަ އެވެ. އެއާ އެކު، ޕާޓީގެ ހިންގުން ސިޔާސީ ޕާޓީގެ ގާނޫނާއި ޕާޓީގެ ހިންގާ ގަވާއިދަށާއި އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކޮށްދޭނެ ފަރާތަކާއި ޕާޓީގެ ހިންގުން ހަވާލުކޮށްދިނުން އެ ޕާޓީގެ ކައުންސިލްގެ މައްޗަށް ލާޒިމު ކުރަން ވެސް އެދިވަޑައިގެންފައިވެ އެވެ.
ޕާޓީގެ ގައުމީ ޖަލްސާ ނުބާއްވައިގެން ރައީސް މައުމޫނަށް އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައި ޔުމްނާ ވިދާޅުވީ މިދިޔަ އަހަރު ބާއްވަން ޖެހޭ އެ ޕާޓީގެ ގައުމީ ޖަލްސާ ފަސްކޮށްފައި ވަނީ މިނިވަން 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތަކަށް ދަތިވާނެ ކަމަށް ސަރުކާރުގައި ތިއްބެވި ބޭފުޅުން ވިދާޅުވުމުން ކަމަށެވެ.
މައުމޫން މަގާމުން ދުރުކުރަން ކޯޓަށް މައްސަލަ މި ވެއްދީ، އެމަނިކުފާނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު މައްސަލަތަކަށް ހައްލެއް ނުލިބުމުންނެވެ. ޕާޓީ ރަސްމީކޮށް ދެ ފެކްޝަނެއްގެ ގޮތުގައި މިހާރު ހިންގަން ފަށާފައިވާއިރު، އެއް ބަޔަކު ނިންމާ ނިންމުމެއް އަނެއް ބަޔަކު ބަލައެއް ނުގަނެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ޕީޕީއެމްގެ ރައީސަކީ އެޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތަށް، ޕާޓީގެ ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ޕާޓީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. ނަމަވެސް އެ ދެ ގަވާއިދާ ޚިލާފަށް ޕާޓީގެ ގުނަވަންތައް ސަސްޕެންޑުކޮށް، ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ޕާޓީގެ ހަރަކާތްތައް ހިންގުމަށް ހުރަސްއަޅައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މައުމޫން ހުއްޓުވާފައިވާ ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.
ޕީޕީއެމްގެ ރައީސްގެ ހުއްދަނެތި ޕާޓީގެ ކައުންސިލްގެ އެއްވެސް ކޮމެޓީއެއްގެ މަސައްކަތް ކުރިއަށް ނުގެންދިޔުމަށާއި ކައުންސިލްގެ ބައްދަލުވުމެއް ނުބޭއްވުމަށް މައުމޫން އެންގެވި އެންގެވުމަށް އަމަލު ކުރުން ވަގުތީގޮތުން ހުއްޓާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރަށް ތަބާނުވެ، އެ އަމުރަށް އެމަނިކުފާނު ގޮންޖައްސަވާފައިވާ ކަމަށް ވެސް އެ މައްސަލާގައި ވެއެވެ.
ހަމައެހެންމެ ސިޔާސީ ޕާޓީތަކުގެ ގާނޫނަށާއި ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ވެސް ގޮންޖައްސަވަމުން މައުމޫން ޕާޓީގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލާފައިވާ ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.
އެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބުރާސްފަތި ދުވަހުގެ 3:30 އަށް ސިވިލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ. އަދި މާދަމާ ދުވަހު ކޯޓަށް ހާޒިރުވާން ވަނީ ޕީޕީއެމަށް ޗިޓް ފޮނުވައިފައެވެ.
ކޯޓަށް ހާޒިރުވާ ފަރާތަކީ ޕީޕީއެމްގެ ފަރާތުން ހާޒިރުވާ ފަރާތެއްކަން އަންގައިދޭ، ޕާޓީގެ ހިންގާ ގަވާއިދާއި އެއްގޮތަށް ފާސްކޮށްފައިވާ ގަރާރެއް ބުރާސްފަތި ދުވަހު ޕީޕީއެމްގެ ފަރާތުން ކޯޓަށް ހާޒިރުވާ ބޭފުޅަކު ގެންދިޔުމަށް އެ ޗިޓް ގައި ވަނީ އަންގައިފައެވެ.
ޕީޕީއެމްގެ ފަރާތުން މީހަކު ކޯޓަށް ހާޒިރުނުވެއްޖެނަމަ އެ ޕާޓީގެ ޣައިރު ހާޒިރުގައި މައްސަލަ ހިންގައި ނިންމާނެކަން ވެސް އެ ޗިޓުން ވަނީ އަންގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ