ކޮންމެ ފުލުހަކީވެސް ރައްޔިތުން އެދޭފަދަ ތަރުބިއްޔަތެއްގެ މަތީގައި ދެމިހުރެ ރައްޔިތުންނަށް އިޙްތިރާމް ކުރާނެ ފުލުހެއް: ސީޕީ ޢަރީފް

ފުލުހުންގެ ވަޒީފާއަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަނޑައެޅިފައިވާ ވަޒީފާއެއް ކަމަށްވާއިރު ފުލުހުންގެ ވަޒީފާގައި ދެމިހުންނަ ކޮންމެ ފުލުހަކީވެސް ރައްޔިތުން އެދޭފަދަ ތަރުބިއްޔަތެއްގެ މަތީގައި ދެމިހުރެ އަދި ރައްޔިތުންނަށް އިޙްތިރާމް ކުރާނެ ފުލުހެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވެއްޖެއެވެ
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް މިމޭރުމުން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމާއިއެކު ހުރިހާ ފުލުހުންނަށް ފުރިހަމަ ކުރަންޖެހޭ ތަމްރީނެއްގެ ގޮތުގައި ހަމަޖައްސަވައިގެން ކުރިއަށް ގެންދަވާ "މެނޭޖިންގ ޑިސިޕްލިން" ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރު އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން އިސްކަންދަރު ބިލްޑިންގުގައި އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޢަރީފް ވިދާޅުވީ ހަމަ އެއާއެކު މި ޚިދުމަތުގައި ދެމިތިބޭއިރު އަޚްލާޤު ހަރުދަނާކޮށް، ސުލޫކު ދަމަހައްޓައި، ސިފަވަންތަކަން އިތުރު ކުރުމަށް ބޭނުންވާ ތަމްރީނުތައް އަބަދުވެސް ފުލުހުންނަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން ފެށިގެން މިދާ ތަމްރީނަކީވެސް އެމަޤްޞަދުގައި ކުރިއަށް ގެންދާ ތަމްރީނެއްކަމަށެވެ. އަދި ފުލުހުންނަކީ ޤާނޫނުގައި ކަނޑައެޅިފައިވާގޮތުގެމަތިން މާތްﷲ ގަންދީ ހުވާކޮށް ޚާއްޞަ ތަމްރީނުތަކަކެއް ފުރިހަމަކޮށް މަސައްކަތުގައި ދެމިތިބޭ ވަކި ތަރުބިއްޔަތެއް ލިބިގެންވާ ބައެއްކަމަށެވެ.
ޢަރީފް ވިދާޅުވީ އިންސާނުން ދުނިޔެއަށް ފުނުއްވި މަޤްޞަދު ހަނދާންނެތި މާއްދީ ކަންކަމަށް މުޅި ދުނިޔެ ހެއްލިގެންދާއިރު އިންސާނީ ނަސްލު ފުރިހަމަ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ ފުރިހަމަ އަޚްލާޤާއި ސްލޫކު މުޅި މުޖުތަމަޢުގެ އަފްރާދުންގެ ކިބައިގައި ދެމެހެއްޓިގެންދާނެ ގޮތަކަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. ފުލުހުންގެ ތަމްރީނާއި ތަރުބިއްޔަތު އެންމެ ފުރިހަމަގޮތުގައި ދެމި އޮތުމަކީ މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރި ކަމާއި ހަމަ ޖެހުން ދެމިއޮތުމަށް މުހިއްމު ކަމަކަށްވާތީ މިފަދަ ތަމްރީނުތައް ފުލުހުންގެ ތެރޭގައި ހިންގުމަށް އަބަދުވެސް އިސްކަން ދެއްވާނެ ކަމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ޢަރީފް ވިދާޅުވީ ފުރިހަމަ ފުލުހަކަށް ވުމަށްޓަކައި ފުލުހުންގެ ވަޒީފާއަށް ނުކުންނައިރުވެސް އެމީހަކަސް އެނގެންޖެހޭނެ ކަންތައްތަކެއް ހުންނަ ކަމަށެވެ. އެގޮތުން "މިއީ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ފަދައިން ރައްޔިތުންގެ ޚިދުމަތަށް، ޤައުމުގެ އަމުނާއި ސަލާމަތް ދެމެހެއްޓުމަށް، ކުށުގެ ނުރައްކާ ކުޑަކޮށް ކުށުގެ ބިރުވެރިކަން ނައްތާލަން ކުރަންޖެހޭ ކަންކަން ކުރުމަށް ރައްޔިތުންގެ މަޞްލަޙަތު ދަމަހައްޓައި ހަމަޖެހުން ޤާއިމް ކުރުމަށް އޮންނަ ވަޒީފާއެއްކަން އެނގެންޖެހޭނެ" ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. މިހެންކަމުން މިފަދަ މަތިވެރި މަސައްކަތެއްގައި ދެމިހުންނަން ލިބިފައިވާ ފުރުޞަތު ހެޔޮ ގޮތުގައި ބޭނުންކުރަން މި ޚިދުމަތުގައި ދެމި ހުރި ކޮންމެ މުވައްޒަފަކުވެސް ހަނދާން ކުރަން ޖެހޭނެ ކަމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވިއެވެ.
މާލެ އާއި އަތޮޅު ތަކުގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ފުރިހަމަ ކުރަންޖެހޭ ތަމްރީނު ޕްރޮގްރާމެއްގެ ގޮތުގައި އިފްތިތާޙް ކުރެވުނު މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިކޮށްފައިވާނީ މާލޭގައި މަސައްކަތްކުރާ ސާޖެންޓުން ފެށިގެން ސްޓޭޝަން އިންސްޕެކްޓަރ ރޭންކާއި ދެމެދުގެ ފުލުހުންކަމުގައި މި ރަސްމިއްޔާތުގައި ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ. އަޙްމަދު މުޙައްމަދު ވިދާޅުވީ އައިލްސް އާއި ގުޅިގެން ހިންގާ މި ތަމްރީނު ޕްރޮގްރާމުގެ ކޮންމެ ބުރެއްވެސް 2 ދުވަހަށް ދެމިގެންދާނެ ކަމަށާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނަށްވެސް މި ތަމްރީނު ޕްރޮގްރާމް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ.
މިމަހުގެ 5 އަދި 6 ވަނަދުވަހު ކުރިޔަށް ގެންދާ މި ބުރުގައި 30 ފުލުހުން ވަނީ ބައިވެރި ކޮށްފައެވެ. މި ތަމްރީނުތަކުގައި ކިޔަވައިދެއްވާނީ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ