ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުންތައް މިއަދު ހަވީރު ފަށަނީ

ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އޭޝިއާގެ ކޮލިފައިންގެ ދެވަނަ ބުރުގައި ރާއްޖެ ކުޅޭ ފުރަތަމަ ދެ މެޗަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުންތައް މިއަދު ފެށުމަށް ނިންމައިފި އެވެ.
އެފްއޭއެމްއިން ބުނީ، ޓީމުގެ ފަރިތަކުންތައް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 5:00 ގައި ޓާފް އެއްނަންބަރު ދަނޑުގައި ކަމަށެވެ.
ގައުމީ ޓީމުގެ ފަރިތަކުންތައް ފެށުމުގެ ކުރިން ޓީމުގެ ކޯޗް ވެލީޒާ ޕޮޕޯފް ވީނިއުސްއާ ވާހަކަ ދައްކަމުން ބުނެފައި ވަނީ، ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އޭޝިއާގެ ކޮލިފައިން ދެވަނަ ބުރުގެ ގްރޫޕް ސީގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ނުކުންނާނީ ގަތަރާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ މާލޭގައެވެ. ދެވަނަ މެޗުގައި ޖޫން 16 ވަނަ ދުވަހު ރަށުން ބޭރުގައި ރާއްޖެ ނުކުންނާނީ ހޮންކޮންގާ ދެކޮޅަށެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ބޫޓާނާއި ޗައިނާ އެވެ.
މިމުބާރާތައް ތައްޔާރު ވުމުގެ ގޮތުން މިމަހުގެ 19 ވަނަ ދުވަހު ގައުމީ ޓީމް ދެކުނު ކޮރެއާއަށް ފުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ގައުމީ ޓީމް ކޮރެއާއަށް ކުރާ ތަމްރީން ދަތުރުގައި އެގައުމުގެ ކުލަބަކާއެކު ރަހުމަތްތެރިކަމުގެ މެޗެއް ކުޅެން ވެސް ވަނީ ހަމަޖެހިފައި ކަމަށް އެފްއޭއެމްއިން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ