މާފުށި ޖަލުން ފިލައިގެން އުޅުނު ނުރައްކާތެރި ދެ ކުށްވެރިން ކަމުގައިވާ ގއ. މާމެންދޫ، ޖަވާހިރުވާދީ، ފަރިޔާޝް އަހްމަދު އާއި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް ހައްޔަރުކުރީ ނުރައްކާތެރި އަމަލެއް ހިންގުމަށް "ޑީލެއް" ހެދުމުގެ މަސައްކަތް ކުރަނިކޮށް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. 
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ މާފުށި ޖަލުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ރޭވިފައިވާ ކަންކަމުގެ ތެރެއިން އެ ޖަލުގެ ވަށާ 20 ފޫޓުގެ އުސްމިނުގައި ލުމަށް ހަމަޖެހިފައިވާ ކޮންކްރީޓް ފާރުގެ ބިންގާ އެޅުމަށް މިއަދު މާފުށީގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. 												
މިނިސްޓަރު ވިދާޅުވީ ޝަހްމްއާއި ފަރިޔާޝް މާލޭގައި މީހަކު މަރަން ނުވަތަ ބޮޑު ވައްކަމެއް ކުރަން ނޫނީ ފޭރުމުގެ ބޮޑު ޖަރީމާއެއް ހިންގުމަށް އެކަމުގައި "ހޭބޯނާރާ" އުޅުނު ކަމަށެވެ. އެމީހުން ފިލީ މާލޭގެ މަގުތަކުގައި އުޅުމަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. 
އުމަރު ވިދާޅުވީ ޝަހްމްއާ ފަރިޔާޝް ފިލީ މާފުށި ޖަލުގެ ފާރު މަތިން ފުންމާލައިގެން ކަމަށާއި އެކަމުގައި ޖަލު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ކަރެކްޝަންސްގެ އެެއްވެސް މުވައްޒަފަކު ބައިވެރިވެފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން މިއަދުވެސް ދެއްވި އެވެ. ނަމަވެސް އެ ދެ ކުށްވެރިން ފިލުމަށް ޖަލުގައި ތިބި އެހެން ކުށްވެރިންތަކެއް އެހީތެރިވެދީފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. 
އުމަރު މިއަދު ވެސް ވިދާޅުވީ ޖަލުން ކުށްވެރިން ފިލާނެ ކަމަށާއި ނަމަވެސް އެފަދަ ކަންކަން ހިނގުން މަދުކުރެވޭ ގޮތަށް ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ. 												
މާފުށީ ޖަލުން ފަރިޔާޝް އާއި ޝަހްމް ފިލާފައިވަނީ ދުރާލައި ރާވައިގެން ކަމަށާއި އެ ދެ ކުށްވެރިން ފިލީ ބޮޑެތި ޖަރީމާތަކެއް ހިންގުމަށް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ ވެރިޔާ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ނަވީން ވެސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އަދި މިދެ ކުށްވެރިން ފިލުވުމުގައި އެހީތެރިވި ކަމުގެ ތުހުމަތުގައި ފުލުހުން މިހާރު ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.
    
    ފަރިޔާޝް އާއި ޝަހްމް އަތުލައިގަތީ ނުރައްކާތެރި ކަމެއް ރާވަނިކޮށް: އުމަރު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ