ޕީޖީ ވެފައިވަނީ އިންސާފަށް ހުރި ނުރައްކަލަކަށް: މައުމޫން ހަމީދު

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް އަމަލުކުރައްވާ ގޮތުން އިންސާފަށް ނުރައްކަލާ ކުރިމަތިވެފައިވާ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ރިޝްވަތު ދިން ކަމަށް ބުނާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގެ ތަފްސީލް މީޑިއާއަށް ހާމަކުރަން މިއަދު އެންދެރިމާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫން ހަމީދު ވިދާޅުވީ، ފާރިސްއަށް ލިބިގެންވާ އިންސާފުގެ ހައްގަށް ޕީޖީގެ އަމަލުތައް ހުންނެވި ގޮތުން ވަރަށް ބޮޑަށް ނުރައްކާވެފައިވާ ކަމަށެވެ.
"ޕްރޮސިކިއުޓާ ޖަނަރަލް މިހާތަނަށް އަމަލު ކުރައްވާފައިވާ ގޮތުން އަޅުގަނޑުމެން ދަންނަވަން ޖެހެނީ އިންސާފުވެރި ޝަރީއަތަށް ވަރަށް ބޮޑަށް ނުރައްކާވެފައިވަނީ، ޖުމްލަކޮށް ޕީޖީގެ އަމަލުތަކަށް ބަލާނަމަ އިންސާފުވެރި ޝަރީއަތަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރައްވަނީ،" މައުމޫން ހަމީދު ވިދާޅުވި އެވެ.
މައުމޫން ހަމީދު ވިދާޅުވީ، ފާރިސްގެ މައްސަލާގައި މުއައްސަސާތަކުން އިހުމާލުވެ، ގާނޫނާ ހިލާފުވަމުންދާ މަންޒަރު ފެންނަ ކަމަށެވެ. އަދި ފާރިސް ވީމަ ވަކި ގޮތަކަށް އަމަލުކުރަމުންދާ ތަން ވެސް ފެންނަމުންދާ ކަމަށެވެ. އެގޮތުން ފާރިސްގެ ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް ދައުވާކޮށްފައިވާއިރު އޭގައި ހިފި މަޖިލީހުގެ މެންބަރުގެ މައްސަލާއިގައި ތުހުމަތެއްކޮށް އެ މައްސަލަ ތަހުގީގުކުރަމުން ނުދާ ކަމަށް ވެސް ޕީޖީއިން ބުނެފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
މިއަދު އޮތް ފާރިސް މައްސަލާގެ އަޑުއެހުމުގެ ތަފްސީލްތައް
"މި ފެންނަނީ ފާރިސްއަށް ވަކި ގޮތެއް އެހެން މީހެއް ނަމަ ވަކި ގޮތެއް، މިއީ އިންސާފަށް ވަރަށް ހުތުރު ގޮތެއް،" ފާރިސްއާ ދެބެންގެ ދެ ދަރި، މައުމޫން ހަމީދު ވިދާޅުވި އެވެ.
މައުމޫން ހަމީދު ވަނީ އޭގެ މިސާލުތަކެއް ވެސް ދައްކަވާފަ އެވެ. އެގޮތުން ފައިސާ ގޯނި އުފުލި ކަމަށް އިއުތިރާފުވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ މައްސަލާގައި ދައުވާ ނުކުރާކަން ފާހަގަކުރެއްވި އެވެ. އަދި، ރިޝްވަތު ހިފުމަކީ ވެސް ކުށަކަށްވާއިރު ދައުލަތުން ފާރިސް ރިޝްވަތު ދިން ކަމަށް ބުނާ މެންބަރުގެ މައްސަލަ ނުބަލާކަން ވެސް މައުމޫން ފާހަގަކުރެއްވި އެވެ. މިއަދު ޝަރީއަތުގެ މަޖިލީހުގައި ޕީޖީގެ ވަކީލް ވަނީ އެ މެންބަރަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ފާރިސް މައްސަލާގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރު، ލ. ފޮނަދޫ، ސްވީޓްފްލާވާ، އަހުމަދު ޝާފިއުއަށް އެ މެންބަރުން ބިރު ދައްކައި އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު އެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރަމުން ނުދާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. އޭނާއަކީ މައްސަލާގެ ހެއްކެކެވެ.
ރިޝްވަތުގެ ތުހުމަތުގައި ޝަރީއަތް ނިންމެންދެން ފާރިސް ބަންދުކޮށްފައިވާއިރު، އެ މައްސަލާގައި ދެން ޝާމިލުވާ ޝާފިއުއަށް ދައުވާ ނުކުރަން ވަނީ ނިންމާފަ އެވެ. ފާރިސް ހައްޔަރުކޮށް، ބަންދުކުރި މައްސަލާގެ އިސްތިއުނާފު މައްސަލާގެ ހުކުމް ވެސް ވަނީ މަޑުޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ