އާރުޑީސީއިން ވަކިކުރިތާ 4 މަސް ފަހުން ޝާމީ އަނެއްކާ ވެސް ހުރި މަގާމަށް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)ގެ ޗެއާޕާސަންގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުގެ މެންްބަރުކަމުން މުޙައްމަދު ޝާމީ އާދަމް ވަކި ކުރިތާ ހަތަރު މަހެއްހާ ދުވަސް ފަހުން ހަމަ އެ މަގާމުތަކަށް އޭނާ އައްޔަނުކޮށްފިއެވެ. މި ސަރުކާރު އައި ފަހުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ މަގާމަށް އައްޔަނުކުރި ޝާމީ އެ މަގާމުން ވަކިކުރީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު އޭނާ ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމުން ވެސް ވަކިކޮށްފައެވެ. ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ އާރްޑީސީގެ ޗެއާޕާސަންގެ މަގާމަށާއި ބޯޑު މެންބަރު ކަމަށް މިއަދު ޝާމީ އައްޔަން ކުރައްވާފައިވާ ކަމަށެވެ. މި ފަހުން ވަނީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހައިރު, ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލު ކޮށްފައެވެ. އަދި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު އަސްބާހު އަލީ ނަސީރު ވެސް ވަނީ އެޗްޑީސީއަށް ބަދަލުކޮށްފައެވެ. މިހާރު އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ, ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ކުރިން ހުންނެވި އިބްރާހީމް ނަޒީމްއެވެ. އޭނާއަކީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް އެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އާރުޑީސީން އެ ފަހަރު ނަޒީމް ވަކިކުރީ ކޮރަޕްޝަންގެ ތުހުމަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ