ސާރާގެ ފިލްމުގެ ކްރޫއަކަށް ހަމަލާ ދީފި
ބޮލީވުޑް ފިލްމީ ތަރިން ކަމަށްވާ ސާރާ އަލީ ޚާންއާއި އަޔުޝްމާން ކުރާނާގެ އާ ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ 2"ގެ ޝޫޓިން ތެރޭ ފިލްމުގެ ކްރޫ މެންބަރަކަށް ހަމަލާދޭން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އަޔުޝްމާނާއި ސާރާ ލީޑް ރޯލް ކުޅޭ މި ފިލްމުގެ ކްރޫ މެންބަރަކަށް ހަމަލާދޭން މަސައްކަތްކޮށްފައިވަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝް ސިޓީގެ ޕްރަޔާގްރާޖްގައި ފިލްމުގެ ޝޫޓިންގް ކުރިއަށްދަނިކޮށެވެ. ފިލްމުގެ ކްރޫ މެންބަރަކަށް ހަމަލާދޭން މަސައްކަތް ކޮށްފައި ވަނީ ޕްރަޔާގްރާޖަށް ނިސްބަތްވާ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ 2"ގެ ކްރޫ މެންބަރުގެ ވަނަވަރު މިހާތަނަށް ހާމަކޮށްފައިނުވާއިރު ހަމަލާން ދޭން އުޅުނު މީހާއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ފިލްމުފެއާގައި ވަނީ ބުނެފައެވެ. "ޕަތީ ޕަތުނީ އޯރު ވޯ"ގެ ފުރަތަމަ ފިލްމުގެ ޕޯސްޓަރެއް--ފޮޓޯ/މިޑް-ޑޭ ނަމަވެސް، ފިލްމުފެއާގައި ބުނެފައިވާ ގޮތުން ހަމަލާ ރައްދުވީ ބީއާރު ޗޯޕްރާ ފިލްމްސްގެ ޓީމު ގޮވައިގެން އިސްކޮށް މަސައްކަތްކުރަން އުޅުނު ޒޮހޭބް ސޮލަޕޫރުވާލާ ކިޔާ މެންބަރަކަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ވެސް ބީ އާރު ޗޯޕްރާގެ ލައިން ޕްރޮޑިއުސަރު ސޯރަބް ތިވާރީ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާގައި ފިލްމުގެ ކްރޫ މެންބަރަށް އެއްވެސް ގެއްލުމެއް ވެފައިނުވާ ކަމަށާއި އެ ހަމަލާ ދޭން އުޅުނީ ކޮން ސަބަބަކާ ހެދި ކަމެއް އަދި އެނގިފައިނުވާ ކަމަށް ފިލްމުގެ ޕްރޮޑަކްޓަޝަން ޓީމާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. މި މައްސަލައާ ގުޅިގެން އުއްތަރު ޕްރަދޭޝްގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވެފައިވަނީ މައްސަލައާ ގުޅޭ ތަފުސީލު މިހާތަނަށް ސިއްރުކުރެވިފައިވަނީ އެ މައްސަލަ ކުރިއަށްގެންދިއުމަށް ހުރަސްއެޅިދާނެތީ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރެވިފައި ވަނީ މީރާޖު އަލީ ނަމަކަށް ކިޔާ މީހެކެވެ. މި ހަމަލާއަށް ފަހު ފިލްމުގެ ޝޫޓިން ހުއްޓުމަކަށް އައި ނަމަވެސް މިހާރު ފިލްމުގެ ޝޫޓިން ފަށާފައިވާ ކަމަށާއި ފިލްމުގެ މުހިންމު ރޯލެއް ކުޅޭ ބަތަލާ ރަކުލް ޕްރީތު ސިންގް ވަރަށް އަވަހަށް ފިލްމު ކްރޫއާ ގުޅޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ 2" އަކީ 2019 ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ސީކުއަލްއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ