ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން ފައިދާވާނީ ރައްޔިތުންނަށް: ‏ގާސިމް

ލާމަރުކަޒީ ގާނޫނުން ލޯކަލް ކައުންސިލްތަކަށް ދީފައިވާ ބައެއް މާލީ ބާރުވެރިކަން ސަރުކާރަށް ނަގާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުން ފައިދާވާނީ ސަރުކާރަށް ނޫން ކަމަށާއި އޭގެ ހުރިހާ ފައިދާއެއް ލިބޭނީ ރައްޔިތުންނަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާނޫނު ނަންބަރު 2010/7، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރައްވައިފައެވެ.
މިއަދު ހެނދުނު އެކްސްގައި ގާސިމް ނެރުއްވި ބަޔާނުގައި ވިދާޅުވީ އެ އިސްލާހުތަކަކީ މިއަދުގެ ހާލަތާ ގުޅިގެން ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ އިސްލާހެއް ކަމަށެވެ.
”ދިވެހިރާއްޖޭގެ ގާނޫން އަސާސީގައި ބަޔާން ކޮށްފައިވަނީ، ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށް، މިއީ ފެޑްރަލް ދައުލަތެއް ނޫން! އެހެންވީމާ ލާމަރުކަޒީ ޤާނޫނުވެސް އޮންނަންވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނެ މިންވަރަކަށް، އެ ހުދޫދުގެ ތެރޭގައި، ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި، ފްރޭމްވޯކާއި ފުށުއަރާގޮތަށް މިފަދަ އެއްވެސް ގާނޫނެއް ހެދިފައި އޮވެގެންނުވާނެ.“ ގާސިމް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ އިދާރި ދާއިރާތައް ހިންގުން ގާނޫނު އަސާސީގައި ބަޔާންކޮށް އެވމައްޗަށް ގާނޫނެއް ވުޖޫދަށް ގެނެސް ވޭތުވި 14 ވަރަކަށް އަހަރު ރާއްޖެ ހިންގަމުންދާ އިރު، މި ގާނޫނާ އެކު ފެޑްރަލް ވިސްނުން ބައެއް ފަރާތްތަކަށް އަންނަކަމީވެސް ހަގީގަތެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
އަދި އިދިކޮޅު ފަރާތްތަކުން އެފަދަ ވާހަކަތައް ޕްރޮމޯޓު ކުރާކަމަށްވެސް ފާހަގަކުރެވޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކުރިއަށް އޮންނަ އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުސަތުދީ ނާޖާއިޒު އެއްވެސް ފައިދާއެއް ނެގުމުގެ ފުރުސަތު ކައުންސިލްތަކަށް ދީގެން ނުވާނެ ކަމަށެވެ.
”ދެން އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް އިތުރު މަގާމުތައް އުފެއްދުމުގެ ބާރު ޤާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެ. މިސާލަކަށް މިހާރު އޮތް ކައުންސިލުތަކުގެ ދައުރު އަންނަ 2026 މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަސްކަމުގައިވާތީ ކައުންސިލްތަކުން އިހުލާސްތެރިވާން ޖެހޭނީ ގާނޫނު އަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް، މި އިސްލާހު ގެ ސަބަބުން އަސްލުގައި ފައިދާވާނީ ރައްޔިތުންނަށް ސަރުކާރަކަށް ނޫން. ރަށެއްގެ ތަރައްގީގެ ޕްލޭނަކީ ރައްޔިތުންގެ ހިޔާލާ އެކު ފާސްކޮށްފައިވާ އެއްޗެއް ކަމަށް ވާއިރު، އޭގައި ނުހިމެނޭ ކަންކަން އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިއަކަށް ފެށުމުގެ އިހުތިޔާރުވެސް އޮވެގެން ނުވާނެ. މިފަދަ ކަންކަމުގެ ސަބަބުން ގައުމަށް ނުހަނު ގެއްލުން ލިބެމުންދާ ކަމީވެސް ހަގީގަތެއް.“
އޭގެ އިތުރުން އެ ގާނޫނަށް ގެނެސްފައިވާ އެހެން އިސްލާހުތަކަކީވެސް ރައްޔިތުންނަށް ފައިދާވާނެ އިސްލާހުތަކެއް ކަމަށް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ