ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ހުއްޓޭތީ ހުށަހެޅި މައްސަލަ މަޖިލީހުން ނުބެލި
ހުޅުމާލޭ ހޮސްޕިޓަލުގެ ހިދުމަތްތައް ދިނުމަށް ދަތިވެ، ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް ބުނެ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ހުށަހެޅުއްވި ކުއްލި އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 37 މެންބަރުން ވޯޓުދެއްވިއެވެ. އެއާއެކު ރިޔާސަތުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ. ހުޅުމާލެ ހޮސްޕިޓަލަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިއްޔެ ވެސް ބައެއް ޚިދުމަތްތަކަށް ބުރޫ އެރިއެވެ. އަދި ޚިދުމަތްތައް އަލުން ފެށީ ގަޑިއިރެއް ފަހުންނެވެ. https://sun.mv/208317 ފާހަގަކުރެވޭ ގޮތުގައި، މީގެ ދެ ހަފުތާވަރު ކުރިން މިދިޔަ މަހުގެ 27ގައި ވެސް އެ ހޮސްޕިޓަލަށް ކަރަންޓު މައްސަލައެއް ދިމާވެ، އޯޕީޑީގެ ޚިދުމަތް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލު ކުރަން ޖެހުނެވެ. އެ ފަހަރު ބަދަލުކުރީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓު 16ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށެވެ. އެ މައްސަލަ ހައްލުކޮށް އޯޕީޑީ އާންމު ހާލަތަށް ގެނެވުނީ ހަ ގަޑިއިރު ފަހުންނެވެ. ޝަމްހީދުގެ މައްސަލައިގައި ބުނެފައި ވަނީ ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކަށް ސިއްހީ ޚިދުމަތްތައް ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރަން ވާނެ ކަމަށެވެ. އަދި މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ތަނަކީ ހުޅުމާލެ ކަމަށްވީއިރު، އެތަނުގެ އާބާދީއަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ގާއިމުކޮށް، ފެންވަރު ރަނގަޅު ގޮތެއްގައި މެދުނުކެނޑި ފޯރުކޮށްދިނުމަކީ ދައުލަތުގެ ވާޖިބެއްކަމަށް ވެސް ބުނެފައިވެއެވެ. ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު -- ފޮޓޯ/ މަޖިލިސް ކުއްލި މައްސަލައިގައި ބުނެފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލަކީ މަހަކު އެވަރެޖްކޮށް 15،000އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކަން ދާ ތަނެއް ކަމަށާއި، މަހަކު އެވަރެޖްކޮށް 330އަށް ވުރެ ގިނަ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް އެ ހޮސްޕިޓަލާމެދު އާންމުންގެ މެދުގައި އެތަކެއް ޝަކުވާތައް އޮތް ކަމަށް ބުނެފައިވެއެވެ. އެތަނުން ޚިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ގާއިމުކޮށްނުދިނުމާއި، އެކަށީގެންވާ މިންވަރަށް ބަޖެޓު ނުދޭތީއާއި، ޚިދުމަތްދިނުމަށް ކޮންމެހެން ބޭނުންވާ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންނާއި ފަންނީ މީހުން ވަޒީފާއަށް ނެގުމަށް ހުރަސްތަކާ ކުރިމަތިވަމުންދާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ. މިހައިތަނަށް އެ ހޮސްޕިޓަލަށް ދިމާވާ މައްސަލަތަކަކީ: ހުޅުމާލެ ހޮސްޕިޓަލަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެއް ކަމަށް ކަނޑައަޅާއިފައިވީ ނަމަވެސް، އެގޮތަށް ހިދުމަތްދިނުމަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތުން. މިހާރު ތިބި މެޑިކަލް އޮފިސަރުންނަކީ ތަނަށް ބޭނުންވާ އަދަދަށްވުރެ މާ މަދު ބައެއްކަމާއި، ގިނަ އިރު މަސައްކަތްކަތްކުރަން ޖެހުމުން، ބަލިމީހުން ބެލުމުގައި ފޯކަސް ގެއްލުން. ކުރިންސުރެ ދެމުންއައި އިތުރުގަޑީގެ ފައިސާ ދިނުން ހުއްޓައިލުމާ ގުޅިގެން، ޑޮކްޓަރުން އިތުރަށް މަސައްކަތްކުރުމަށް ބޭނުންނުވުން. އިތުރުގަޑީގެ ފައިސާ ދިނުން ހުއްޓައިލުމާ ގުޅިގެން، ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމާއި ސްޓޫޑެންޓް ލޯން ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުވައްޒަފުން އެހެން ތަންތަނުގައި ވަޒީފާ އަދާކުރުން. އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓެއް މިވަގުތު ނެތްކަމާއި، ހާޓް އެޓޭކެއް ޖެހިގެން މީހަކު ގެނެވިއްޖެނަމަ ފަރުވާދެވޭނެ ގޮތެއް ނެތްކަމާއި، އައިޖީއެމް ހޮސްޕިޓަލަށް ފޮނުވައިލުން ނޫން ކަމެއް ކުރެވެން ނެތުން. މިވަގުތު ނިއުރޯލޮޖިސްޓެއް ނެތުން. ހުޅުމާލޭ ހޮސްޕިޓަލްގެ ޚިދުމަތްތައް ދިނުމަށް ދަތިވެ، ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެ ކުއްލި މައްސަލަ ވަނީ ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ