ޔޯކެރޭޝް، ސްޕޯޓިން ޕްރީ-ސީޒަނަށް ހާޒިރެއް ނުވޭ، ކްލަބް ރައީސް ރަތަށް ޔޯކެރޭޝް، ސްޕޯޓިން ޕްރީ-ސީޒަނަށް ހާޒިރެއް ނުވޭ، ކްލަބް ރައީސް ރަތަށް

ލިޒްބަން (ޖުލައި 13) - ސްޕޯޓިން ލިޒްބަން އަށް ކުޅެމުން އަންނަ ސްވިޑަންގެ ފޯވާޑް ވިކްޓޯ ޔޯކެރޭޝް، އެ ކްލަބްގެ ޕްރީ-ސީޒަން ޕްރެކްޓިހަށް ހާޒިރުނުވުމުން، އެކަމާ، ސްޕޯޓިންގެ ރައީސް ފްރެޑެރީކޯ ވަރަންޑާސް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ޕޯޗުގަލްގެ ޗެމްޕިއަން، ސްޕޯޓިންގެ ރައީސް ފްރެޑެރީކޯ ވަރަންޑާސް، މީގެ ކުރިން، ވިދާޅުވީ، ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ ފީ ކަމަށްވާ 100 މިލިއަން ޑޮލަރު ދިނުމުން ނޫނީ އޭނާ ނުވިއްކާނެ ކަމަށެވެ. އެ ގޮތުން، 70 މިލިއަން ޑޮލަރުގެ ޕެކޭއްޖެއްގެ ތެެރެއިން، ޔޯކެރޭޝް ގަތުމުގެ ފުރުސަތު ބައެއް ކްލަބްތަކަށް އޮންނަ ކަމަށް މީޑިއާގައި ދެެކެވޭ ވާހަކަ ވަރަންޑާސް ވަނީ ދޮގުކުރައްވައިފަ އެވެ.
ޔޯކެރޭޝް ބަދަލުވެވޭތޯ މަސައްކަތް ކުރަމުން އަންނަ އާސެނަލުން އޭނާ ގެންދަން ހުށަހަޅަން ވިސްނަނީ، 80 މިލިއަން ޑޮލަރުގެ އިތުރުން، ވަކި ކަންތައްތަކެއް ފުރިހަމަވެއްޖެނަމަ، އިތުރު 15 މިލިއަން ޑޮލަރު ދޭ ގޮތަށެވެ. އެކަމަކު، ސްޕޯޓިން އިން މަދުވެގެން އެންމެ ފުރަތަމަ ވެސް 90 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔޯކެރޭޝް، ސްޕޯޓިން ޕްރީ ސީޒަނަށް ހާޒިރުނުވީ، އެ ކްލަބް ދޫކޮށް، އާސެނަލަށް ބަދަލުވާން ބާރު އެޅުމުގެ ގޮތުންނެވެ. އެކަމަކު، ވަރަންޑާސް ވަނީ ހަމަ އަގު ނުލިބެނިސް، ޔޯކެރޭޝް ދޫނުކުރާނެ ކަމަށް ބުނެފަ އެވެ.
"އެ މީހުން (ޔޯކެރޭޝް އަށް ބިޑްކުރާ ކްލަބްތަކުން) އޭނާ އަށް ދައްކަން ޖެހޭ މިހާރު މާކެޓްގައި ފެންނަން ހުރި ހައްގު އަގު، ނުދައްކައި، އެކަމެއް ނުވާނެ. އެހެން އެކަން ކުރަން އުޅޭނަމަ، ކުރިއަށް އޮތް ތިން އަހަރު ވިކްޓަ (ޔޯކެރޭޝް) ހުންނާނީ މި ޓީމުގައި،" ވަރަންޑާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކްލަބްގެ މަސްލަހަތު ނަގާލައިގެން އެއްވެސް ކުޅުންތެރިއަކަށް ޓީމަށް ގެއްލުން ވާ ގޮތަށް ކަންކަން ކުރިއަށްގެންދަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި، ކަންކަން ހިނގަމުން އަންނަ ގޮތުން، ކަމެއްގައި، ފިޔަވަޅު އަޅަން ޖެހިއްޖެނަމަ، އެ އޮންނަ އުސޫލެއްގެ ތެރެއިން އެކަން ކުރާނެ ކަމަށް ވެސް ވަރަންޑާސް ވިދާޅުވި އެވެ.
ދާދި ފަހުން، ފްރާންސް ފުޓްބޯލް އަށް ދިން އިންޓަވިއުއެއްގައި، ޔޯކެރޭޝް ބުނެފައިވަނީ، ފުޓްބޯޅައިގައި ހިނގަން ހުރި ކަންކަން ކޮންމެ ވެސް ގޮތަކަށް ކުރިއަށްދާނެ ކަމަށާއި އޭނާގެ ޓްރާންސްފާއާ ގުޅޭގޮތުން، މާ ގިނަ ވިސްނުންތަކެއް ނެތް ކަމަށެވެ.
ޕްރިމިއާ ލީގުގެ ކްލަބެއްގެ ކޮންޓްރެކްޓުގައި ތިން އަހަރު ހުރިއިރު، އެ ޓީމަށް މެޗެއް ކުޅެން ނުލިބުމަކީ، މިހާރު އެ ލީގަށް ގޮސް ފެންވަރު ސާބިތުކޮށްދޭން ބޭނުންވާ ކަމެއް ކަމަށް ވެސް ޔޯކެރޭޝް ވަނީ ބުނެފަ އެވެ.
މިދިޔަ ސީޒަނުގައި 52 މެޗުގައި 54 ގޯލު ޖެހި، ޔޯކެރޭޝް އަކީ، މީގެ ކުރިން، އިނގިރޭސި ކްލަބް، ބްރައިޓަންގެ ކޮންޓްރެކްޓްގައި ހުރެ ކަވެންޓްރީ އާއި ސްވަންސީ ސިޓީ އަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މީގެ ދެ އަހަރު ކުރިން، ސްޕޯޓިން އިން ޔޯކެރޭޝް ގަތީ 25 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ.
ޕްރިމިއާ ލީގުގައި ތަފާތު ދެއްކި، ވަރުގަދަ ފޯވާޑުން ކަމަށްވާ ހެރީ ކޭން އާއި އާލިން ބްރައުޓް ހާލަންޑާ އެއް ލެވަލެއްގައި މި ވަގުތު އޭނާ ހުރި ކަމަށް ޔޯކެރޭޝް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ