އަޖޭގެ ފިލްމު 'ޗޯހާން'އަށް ވިކްރާންތު

އަންނަ އަހަރު ސިނަމާތަކަށް ގެނެސްދޭނެ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭ ހިމެނޭ، އިންޑިއާގެ އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު "ޗޯހާން"ގެ ޓީމާ އެކްޓަރު ވިކްރާންތު މަސީ ގުޅިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. އާނަންދު އެލް ރާއީ ގުޅިގެން އަޖޭ ދޭވްގަން އަދި ޖިއޯ ސްޓޫޑިއޯސްއިން އުފައްދާ މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމުގައި ވިކްރާންތު ކުޅޭ ރޯލާ ބެހޭގޮތުން އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ދިންގޮތުގައި ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ އެކްޓަރު ފެންނާނީ މީގެ ކުރިން އޭނާ ފެނިފައި ނުވާ ފަދަ ތަފާތު ސިފަތަކެއް އެކުލެވޭ (ގްރޭ) ކެރެކްޓާއަކުންނެވެ. އަޖޭ އާއި ވިކްރާންތުއާ ދެމެދު ހިނގާ ކުރިމަތިލުންތަކަކީ މި ފިލްމުގެ އެންމެ ފާހަގަކޮށްލެވޭނެ އެއް ބަޔަށް ވާނެކަމަށް އެ ފަރާތުން ވަނީ ހާމަކޮށްފައެވެ. ފިލްމު "ޗޯހާން"ގެ ޓީޒާގެ މަންޒަރެއްގައި އަޖޭ ދޭވްގަން--ފޮޓޯ/ބޮލީވުޑްހަންގާމާ އިތުރަށް އެނގިފައިވާ ގޮތުގައި، ފިލްމުގެ ސްކްރިޕްޓް ކިޔައިދިނުމާ އެކު ވިކްރާންތު ވަނީ ވަގުތުން މި ރޯލަށް އެއްބަސްވެފައެވެ. އަޖޭ އާއި ވިކްރާންތު ފަދަ ތަފާތު ދެ ޖީލެއްގެ މޮޅު ދެ ތަރިން އެކީގައި ސްކްރީނުން ފެނުމަކީ ބެލުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ފިލްމު "ޗޯހާން"ގެ ޝޫޓިންގް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުތެރޭއެވެ. އަދި ފިލްމު ރިލީޒް ކުރުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހަށެވެ. މިހާރު ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މިއީ އަންނަ އަހަރު ސިނަމާތަކަށް އަންނާނެ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށް ބެލެވެއެވެ. ވިކްރާންތު އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު ނެޓްފްލިކްސްގައި ސްޓްރީމްކުރަންފެށި ވެބް ސީރީސް "މުސާފިރް"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ