މެމްބަރު ރަޝީދު އިންތިހާބުގައި ވާދަކުރަން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފިއެވެ.
މެމްބަރު އަހުމަދު ރަޝީދު ހައިކޯޓަށް ހުށައެޅުއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތަކަށް އެދިވަޑައިގެންނެވެ.
މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި  ފަހުން ނަން އަނބުރާ ގެންދެވީ ރޯދަ މަސް ތެރެއަށް އިންތިހާބު ވަންނަ ކަމަށް ވިދާޅުވެއެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވީ ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާއެވެ. އެ ނިންމުމުގައި ވަނީ އިންތިހާބުގައި ކުރިމަތިލުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމާ ނިންމުމާ ބެހޭ މައްސަލަ ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓުން ކަމަށެވެ.
މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހަށް ބަދަލުކުރުމާއެކު މެމްބަރު ރަޝީދު އިލެކްޝަންސް ކޮމިޝަން(އީސީ)އަށް  ފޯމް އަލުން ބަލައިގަތުމަށް އެދި ހުށަހަޅުއްވައިފައެވެ.  ނަމަވެސް އީސީއިން ނިންމީ އިންތިޚާބަށް ކުރިމަތިލުމަށް ފުރުސަތު އަލުން ހުޅުވައިފައި ނުވާތީ  ކެންޑިޑެސީ ބަލައިނުގަތުމަށެވެ. އެއީ އިންތިހާބަށް ކުރިމަތިލުމަށް ކަނޑައެޅި މުއްދަތުގެ ފަހުން ފޯމް އަލުން ހުށަހަޅުއްވާފައިވާތީއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ފުރަތަމަ ނިންމީ މި މަހުގެ 17 ގައެވެ. ނަމަވެސް ފަހުން ގާނޫނަށް ގެނައި ބަދަލާއިއެކު އިންތިޚާބު ބާއްވަން ނިންމާފައިވަނީ އެޕްރީލް 21 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ