އެމްޑީޕީގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ރައީސް އަޒުލުކުރެވޭ ގޮތަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރެވޭ ގޮތަށް މަޖިލީހުގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމަށް ނަގާ އިތުބާރުނެތްކަމުގެ މައްސަލައެއް ފާސްކޮށް އެ ދެ ބޭފުޅުން މަޤާމުން ވަކިކުރެވޭނީ މުޅި މަޖިލީހުގެ އަޣުލަބިއްޔަތުން އެގޮތަށް ފާސްކޮށްގެންނެވެ.
މިފަދައިން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނިކޮށް މުޅި މަޖިލީހުގެ މާނަކުރުން ބަދަލުކުރުމަށް އެމްޑީޕީން ހުށަހަޅައި މަޖިލީހުގެ ޤަވާއިދުވަނީ އިސްލާހުކޮށްފައެވެ. މިހާރު މުޅި މަޖިލީހުގެ އަޣުލަބިއްޔަތު މާނަކުރަނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބަވާ މެންބަރުންގެ އަދަދުގެ އަޣުލަބިއްޔަތު ކަމަށެވެ.
މި އިސްލާހާއެކު މިވަގުތު މަޖިލީހުގައި އޮތް އެމްޑީޕީގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ މަޤާމުން އަޒުލުކުރެވިދާނެއެވެ. އަދި އެމްޑީޕީން އަންނަނީ ރައީސް މަޤާމުން އަޒުލުކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެމަނިކުފާނު އަޒުލުކުރަން އިތުބާރުނެތްކަމުގެ ވޯޓު ނަގަން ހުށަހެޅުމަށް ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއި ހަމަކޮށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ބުނެފައިވެއެވެ.
ރައީސް އަޒުލުކުރުމުގެ އިޖުރާއާތު ފަސޭހަކުރުމަށް މަޖިލީހުގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާހަކީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާހެއްކަމަށް ކަނޑައަޅައިދިނުން އެދި ބަންޑާރަނައިބުގެ އޮފީހުން މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންދާއިރު، މިހަފުތާ ތެރޭގައި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މިހަފުތާ ތެރޭގައި ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާނެކަމަށް "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ