ދަރުބާރަށް ރައްޔިތުން ހާޒިރުކޮށް، ކަންކަމަށް ރަސްގެފާނު އަރިހުގައި އަދޭސް ދެންނެވުމަކީ، ރައްޔިތުންގެ ހައްޤުގައި ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ނިޒާމާއި، މުއައްސަސާތައް ފުނޑު ފުނޑު ކޮށްލުން.

ރަސްރަސްކަލުންގެ ދަރުބާރަށް ބޭނުން ޖެހިފައިވާ މީހުންގެ ގެނެސް، ރަސްގެފާނު އަރިހު ކުރުނީސް ކޮށް، އާދޭސް ދަންނަވާ، ރަސްގެފާނުގެ ހެޔޮފޮޅުކަން ނިކަމެތި ރައްޔިތުންގެ މައްޗަށް އޮތް ކަން ދައްކައި، އެ ރައްޔިތުންގެ މުހުތާދުތައް ފިއްލުވައި، ވެރިކަން ކުރި ޒަމާން މާޒީވެ ދިޔައީކަމަށް ދެކިގެން ތިއްބާ، ރޭ ފެނިގެން ދިޔައީ ސީދާ އެ މަންޒަރެވެ.
ފެނުނީ ރަސްކަލެކެވެ. ވަޒީރު ސާހިބުންނާއި، ވެރިކަމުގެ ކޮއިލުގައި ނަންކިޔާ މޫރިތި މަޤާމުތަކުން ޝާހީ ކަން ލިބިވަޑައިގެން ތިއްބެވި ވެރިން ރަސްގެފާނު ވަށާލައިގެން ތިބި މަނާޒިރެވެ. ދެންތިބީ ނިކަމެތީންގެ ގޮތުގައި ދެއްކުމަށް އެވެރީން، ގެނެސް އަރިހުގައި ބަހައްޓައިގެން ތިބި މަދު ބައެކެވެ. ރަސްގެފާނުގެ އިހްސާންތެރި ބަސްފުޅަކަށް އިންތިޒާރު ކޮށްކޮށް ތިއްބެވެ. ބަންޑާރަ ނައިބު، ރަސްގެފާނު އަރިހުގައި ކުރުނީސްކޮށް، ނިކަން ރީތި ކޮށް ރުކޫއަށް ވަޑައިގަންނަވާ ތަނާއި، ރަސްގެފާނަށް ހާއްސަ ތަހުތުކޮޅުގައި އިންނަވާ ތަނާއި، ރަސްގެފާނު ބަސް ބުނަންވާ ވަގުތު ހާމަ ކޮށްދޭން އަރިހުގައި ދަރުބާރުގައި އިސް ކަހީނަކުހެން މީހަކު އިންނެވިތަން ފެނުނެވެ.
ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ލާޒިމްކޮށް، ޑިމޮކްރެޓިކް ހަމަތަކުން، ޤާނޫނުތަކުން، އެކުލަވާލާފައިވާ ހުރިހާ މުއައްސަސާތަކަކުން، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް، ތިމާ އަކީ ރަސްކަލެއް ކަމުގައިދެކި، އެއީ މުއިއްޒުގެ ހެޔޮފުޅުކަމުން، ތިމާ ރައްޔިތުންނަށް ކޮށްދޭ ކަމެއްކަމަށް ދެއްްކުމަށް، އެ މައްޗަށް ބާރު ފޯރުވައި، ގޮތް ނިންމަވަން ތަހުތު ހެދިގެން އިންނެވި މަންޒަރެވެ.
ދެއްކެވީ ޤައުމުގެ އެތައް ލައްކަ ރައްޔިތުންގެ ރައްކާތެރިކަމަށް އުފައްދާފައިވާ ނިޒާމުގެ ތެރެއިން ކަންތައްތައް ކުރުމުގެ ބޭނުމެއް ނެތްކަމާއި، “ރަސްގެފާނުގެ” ދޫފުޅުން ހުރިހާ ކަމަކަށް ހައްލު ލިބިގެން ދާކަން ދައްކަން އިންނެވި މަންޒަރެވެ. ބޭނުންވަނީ ރައްޔިތުންގެ ހައްޤުގައި ހަދާފައިވާ ޑިމޮކްރެޓިކް އަދި ސިޔާސީ ނިޒާމުތައް ފުނޑުފުނޑުކޮށް ލުމެވެ. ގެންނަން މަސައްކަތް ކުރަމުން ދަނީ ހައްދުފަހަނަ އެޅި ޤައުމިއްޔަތެވެ. ހައްދުފަހަނައެޅި ޤައުމިއްޔަތުން ނެރެ ދެއްކޭ ނަތީޖާއަކީ ހުދުމުހުތާރު ވެރިކަމެވެ.
ވޯޓު ލުމާއި، ޤާނޫނު އަސާސީ އާއި އަދި ޤާނޫނު ހެދުމުގެ ބޭނުން ކަނޑުވާލައި، ތިން ބާރު އެއްކޮށް، ވެރިކަމުގެ ވައްޓަފާޅި ހުދުމުހުތާރު ކުރުވަން ދަރުބާރު ހަދައި އިންނަވާއިރު މިއީ ރައީސުލްޖުމްހޫރިއްޔާއެވެ. ވިރާސީ ވެރިކަމެއްގައި ތާޖު އަޅުވައި ތަހުތު ކުރެއްވި ރަސްކަލެއް ނޫނެވެ.
މި މަންޒަރު ބަލައި، އަތް ޖަހައި، ތައުރީފުން ސަނާ ކިޔާ ބަޔަކު އުޅުނު އިރު ހީވީ، ރާއްޖެ ދެންމެ ދެންމެ އަކު، ހާންދާނީ ވެރިކަމަކަށް ބަދަލު ނުވެގެން ބަޔަކު އުޅުނު ހެންނެވެ.
ދިވެހިން ބޭނުންވަނީ ހެދިފައިވާ މުއައްސަސާތަކާއި މިނިސްޓްރީތައް ރައްޔިތުންގެ ޚިދުމަތަށް ހުޅުވާލަ ދިނުމެވެ. ހައުސިންގ މިނިސްޓްރީއިން ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤެއް ނިގުޅައިގަނެ، ރައީސް މީހާގެ ފުރިހަމަ ކޮންޓްރޯލް އޮތް އޭސީސީ މެދުވެރިކޮށް އެ ހައްޤުން އެތައް ހާސް ރައްޔިތުންނެއް މަހުރޫމް ކުރުވުމަށް ކުރެވެން ހުރިހާ ކަމެއް ކުރުމަށް ފަހު، އެއީ ތިމަންނާ ކުރި ކަމެއް ނޫނޭ ބުނެ، މުއިއްޒުގެ ދަރުބާރަށް އެއިން އެކަކު ގެނެސް، އެމީހާ ލައްވާ އާދޭސް ދަންނަވައި، ހެޔޮ ފުޅުކަމުން އެމީހާއަށް ގޯތި ހަލާސް ކޮށްދިނުމަކީ، އަނިޔާވެރި ކަމުގެ މައްޗަށް އަނިޔާވެރި ވުމެވެ. އެއީ ހެޔޮފުޅު ކަމެއް ނޫނެވެ. އެއީ ހަމަ ހުދުމުހުތާރު ކަމާއި، އަނިޔާވެރިކަމެވެ.
ވެރިކަން ކުރުމުގެ ނިޒާމާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ބޭނުންވާ ނިޒާމު ވަނީ ޤާނޫނީ ތަރަހައިން ޤާއިމު ކުރެވިފައެވެ. ވެރިއަކަށް އަންނަ ފަރާތަކުން ޤައުމަށް ކޮށްދެވެން އޮތް ކަމަކީ އެ ނިޒާމު ހަރުދަނާކޮށް، އެއިން ވީހާވެސް ގިނަބަޔަކަށް ޚިދުމަތާއި ހެޔޮ މަންފާ ހޯދަ ދިނުމެވެ. މިކަމަށްޓަކައި، ބޭނުންވަނީ މުއައްސަސާތަކަށާއި، މިނިސްޓްރީތަކަށް ގާބިލު މީހުން ލުމާއި، އެ މުއައްސަސާތަކުގެ މަސައްކަތް ޗެކް އެންޑް ބެލޭންސް ނިޒާމެއްގެ ތެރެއިން ގެންދިޔުމާއި، އެ މުއައްސަސާތަކާއި، މިނިސްޓްރީ ތަކުގައި ކޮރަޕްޝަން މަދު ކުރުމަށް، ޓްރާންސްޕޭރަންސީއާއި، އޮޓަމެޓިކް ނިޒާމްތައް ޤާއިމު ކުރުމެވެ.
އޭގެ މައްޗަށް ބިނާކޮށް އިޤްތިޞާދީ ގޮތުން، ޤައުމަށް ނަފާވާ މަޝްރޫޢުތައް ހިންގައި ، ކުރިއަރާ ދިއުމަށް ހެޔޮ ފުރުޞަތުތައް ރައްޔިތުންނަށް ހުޅުވާލަ ދީގެން ޤައުމު ތަރައްޤީކޮށް، ބަދަހި އެކުވެރި ޚާރިޖީ ސިޔާސަތަކުން ރާއްޖެއަށް މަންފާ ހޯދާ ދިނުމެވެ. މި ހުރިހާ ކަމަކުން ފެއިލްވެ ހުންނަވައި، ރަސްކަލެއް ކަމަށް ހެދިގެން ރައްޔިތުން މޮޔަ ހެއްދުމަށް ދަރުބާރު ހަދައި ތިޒާތަށް އުޅުއްވީމާ، ވެރިކަން ފާލުން ގެއްލި ވެއްޓިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ