ވޯލްޑްކަޕް 2022: އިންގްލޭންޑް އަދި ފްރާންސަށް ކުރިއަށް ދާން އުނދަގޫ ވެދާނެ ބާ؟

ގަތަރުގައި ހިނގަމުންދާ ފީފާ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގެ ވާދަވެރިން މިހާރު އެނގިފައިވާ އިރު މިއަދުގެ މެޗުތައް ނިމޭ އިރު ދެވަނަ މެޗުގެ ބައިވެރިން ވެސް އެނގިގެންދާނެއެވެ. މިގޮތުން، ރޭ ގައި ނެދެލޭންޑްސްއިން އެމެރިކާ ބަލިކުރުމުން އެޓީމުން މިވަނީ އޮސްޓްރޭލިޔާ ބަލިކުރި އާޖެންޓީނާއާ ކުއާޓާގައި ކުޅެން ޖެހިފައެވެ.
މިރޭގެ މެޗުތަކުގައި ފެނިގެންދާނީ ގްރޫޕް ބީގެ އެއްވަނަ އިންގްލޭންޑް އަދި ގްރޫޕް އޭގެ ދެވަނަ ސެނެގާލްގެ އިތުރުން ގްރޫޕް ޑީގެ އެއްވަނަ ފްރާންސް އަދި ގްރޫޕް ސީގެ ދެވަނަ ޕޮލެންޑެވެ.
މުބާރާތުގައި ހުރިހާ ޓީމަކުން ކުޅުނު ދެމެޗު ނިމުން އިރު މިފަހަރުގެ މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ފެނިފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ފަރާތުން ކަމަށް ގިނަ ބަޔަކު ބުންޏެވެ. އެހެންނަމަވެސް ގްރޫޕްގެ އެންމެ ފަހު މެޗުގައި ޓިއުނީޝީއާ އަތުން ބަލިވުމުން ފްރާންސްގެ ސަޕޯޓަރުންގެ އުއްމީދު ފަނޑުވި ނަމަވެސް އެރޭގެ މެޗަށް ފުރަތަމަ އެރުވީ ފްރާންސްގެ ބެންޗު ޓީމެވެ. ފްރާންސުން ކުޅުނު ތިން މެޗުގައި އެޓީމުން 6 ލަނޑު ޖަހާފައިވާ އިރު ކުޅުނު ތިން މެޗުގައި ވެސް އެޓީމުގެ ކޮޅަށް ލަނޑެއް ވަދެފައިވެއެވެ.
ޓީމުގެ މުހިންމު ކުޅުންތެރިންނަށް ބަލާ އިރު ޒުވާން ފޯވަޑް ކިލިއަން އެމްބާޕޭ މިފަހަރުގެ މުބާރާތުގައި ވެސް ހުރީ ފޯމުގައެވެ. މިގޮތުން އޭމްބާޕޭ އަކީ މިމުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިއެކެވެ.
ދެވަނަ ބުރުގެ ތިން ވަނަ މެޗުގައި ފްރާންސާ ދެކޮޅަށް ނިކުންނަ ޕޮލެންޑް މިމުބާރާތުގައި މިހާތަނަށް މެޗަކުން މޮޅުވެ، އެއްވަރުވެ، އަދި ބަލިވެފައިވާ އިރު އެޓީމުން ދެވަނަ ބުރަށް ދިޔައީ 4 ޕޮއިންޓް ހޯދައިގެންނެވެ. މުބާރާތުގައި ޕޮލެންޑްގެ ފަރާތުން މާ މޮޅު ކުޅުމެއް ފެނިފައި ނުވާ އިރު މުޅި މުބާރާތުގައި ވެސް ޕޮލެންޑްގެ ކޮޅަށް ވަދެފައިވަނީ އެންމެ ދެ ލަނޑެވެ. އަދި އެޓީމުގެ ކީޕަރު ޝެޒްނީ ވަނީ ގްރޫޕް ސްޓޭޖްގައި ދެ ޕެނެލަޓީއެއް ސޭވްވެސް ކޮށްފައެވެ.
ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް އައި ސެނެގާލް އަކީ މުބާރާތުގައި އެއް މެޗަށް ވުރެ އަނެއް މެޗު ކުޅުން ވަރުގަދަކޮށްފައިވާ އެއް ޓީމެވެ. ފުރަތަމަ މެޗުގައި 2-0 އިން ނެދަލޭންޑްސް އަތުން ބަލިވި ސެނެގާލް ވަނީ ދެވަނަ ބުރަށް ދިޔައީ ދެން ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. މުބާރާތުގެ ކުރިން އިންޖަރީވި އެގައުމުގެ ތަޖުރިބާކާރު ފޯވަޑް ސާޑިއޯ މާނޭ ނެތުމުން އުފެދުނު ބާގަނޑު ސެނެގާލްއިން ރަނގަޅަށް ވެސް ފޫބައްދައިފިއެވެ. އެޓީމުން މިރޭ މަސައްކަތް ކުރާނީ އިންގްލޭންޑްގެ ހަމަލާތައް ދިފާއުކޮށް ވީހާ ވެސް އަވަހަކަށް އިންގްލޭންޑް ކޮޅަށް ލަނޑެއް ޖަހާ ލީޑު ނެގުމަށެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އީރާނު ކޮޅަށް 6 ލަނޑު ޖެހި އިންގްލޭންޑަކީ މިވަގުތު މުބާރާތުގައި ބަލި ނުވެ އޮތް ދެތިން ޓީމުގެ ތެރެއިން އެއް ޓީމެވެ. އެހެން ނަމަވެސް މުބާރާތުގައި އިންގްލޭންޑަށް އެންމެ މޮޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ޓީމުގެ ކޮންމެ ޕޮޒިޝަނަކަށް ކުޅަދާނަ އެތަށް ކުޅުންތެރިންތަކެއް ތިބި ނަމަވެސް ކޯޗު ގެރެތް ސައުތްކޭޓަށް އޭނާގެ އެންމެ މޮޅު ފުރަތަމަ 11 ނަގަން ވަނީ އުނދަގޫވެފައެވެ.
އެންމެ ފަހުގެ ދެ ބޮޑު މުބާރާތުގައި ވެސް ސެމީއާ ހިސާބަށް ދިޔަ އިންގްލޭންޑަށް މިމެޗުން މޮޅުވެ ކުއާޓާ ފައިނަލަށް ދިއުމުގެ ޕްރެޝަރު ވަރަށް ބޮޑުވާނެއެވެ.
ބަދަލުގައި ސެނެގާލް އަށް މާ ބޮޑު ޕްރެޝަރެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ